ކުޅިވަރު

މޮރާޓާ އެނބުރި ޔުވެންޓަސްއަށް، ޝުއަރޭޒް އެތުލެޓިކޯއަށް

މުޙައްމަދު ޝަމްޢޫން

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުންދިޔަ ސްޕެއިން ފޯވަޑް އަލްވާރޯ މޮރާޓާ ލޯން އެއްބަސްވުމެއްގައި ޔުވެންޓަސްއަށް ބަދަލުވިއިރު، އެތަން ފޫބައްދަން އެތުލެޓިކޯއިން ލުއިޒް ޝުއަރޭޒް ގެންދަން ނިންމައިފިއެވެ.

މީގެކުރިންވެސް ޔުވެންޓަސްއަށް ކުޅެފައިވާ މޮރާޓާ އެކްލަބާ ގުޅުނުކަން ސީދާ ކްލަބުން ކަށަވަރުކޮށްދީފައިވާއިރު، ބާސެލޯނާއާއި އެތުލެޓިކޯއާ ދެމެދު ޝުއަރޭޒްގެ ޓްރާންސްފާއަށް އެއްބަސްވެވިފައި ވާކަމަށްވެސް ނޫސްތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ. މޮރާޓާ 12 މަހުގެ އެއްބަސްވުމެއްގައި ޔުވެންޓަސްއަށް ގޮސްފައި ވަނީ ލޯންގެ ދަށުން ނަމަވެސް، މި ސީޒަން ނިންމައި، ޓްރާންސްފާ ދާއިމީ ކުރުމަށް ކޮންޓްރެކްޓުން ޔުވެންޓަސްއަށް ފުރުސަތު ލިބިގެންދާނެއެވެ.

މޮރާޓާގެ ޓްރާންސްފާ ދާއިމީ ކުރުމަށް ޔުވެންޓަސްއަށް 45 މިލިއަން ޔޫރޯ ދައްކަން ޖެހޭނެ ކަމަށް ކޮންޓްރެކްޓްގައި ބުނެފައިވާއިރު، ޔުވެންޓަސްއިން މިހާރުވެސް މޮރާޓާގެ ލޯނަށް 10 މިލިއަން ޔޫރޯ ދައްކާފައިވެއެވެ. މޮރާޓާ ވަނީ 2014 އިން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ޔުވެންޓަސްއަށް ކުޅެފައެވެ. އެ މުއްދަތުގެ ތެރޭގައި 27 ގޯލް މޮރާޓާ ޖަހައިދީފައިވާއިރު، އޭނާ ވަނީ އެ ކްލަބާއެކު ޗެމްޕިއަންސް ލީގުގެ ފައިނަލަށްވެސް ދަތުރު ކޮށްފައެވެ.

ޔުވެންޓަސްގެ ފޯވަޑް ރޮނާލްޑޯއާއެކު ރެއާލްގައިވެސް ކުޅެފައިވާ މޮރާޓާގެ ޓްރާންސްފާއާއެކު ޔުވެންޓަސްއިން ބުނެފައި ވަނީ ކުރީގެ ހަނދާންތަކާއެކު މިފަހަރު މުޅިން އާ އުފާވެރިކަމެއް ގެނުވައިފި ކަމަށެވެ.

ޔުވެންޓަސްއިން ފުރަތަމަ ޝުއަރޭޒް ގެންދަން މަސައްކަތް ކޮށްފައިވާއިރު، އެ ކްލަބުން ބޭނުންވީ ޝުއަރޭޒް އިޓަލީ ޕާސްޕޯޓުގައި އެގައުމަށް ދިޔުމަށެވެ. ޕާސްޕޯޓް ހެދުން ލަސްވުމުން ޔުވެންޓަސްއިން މޮރާޓާ ގެންދިޔުމަށް މިސްރާބު ޖެހިއިރު، ޝުއަރޭޒް އެތުލިޓިކޯއަށް ދާނެކަން މިހާރު ވަނީ ޔަގީންވެފައެވެ.

ބާސާ ދޫކޮށްލާނެކަން ޝުއަރޭޒް މާކުރިން އިއުލާން ކޮށްފައިވާއިރު، އޭނާގެ އިތުރުން ވިޑާލްވެސް ވަނީ ބާސާ ދޫކޮށް އިންޓަ މިލާންއަށް ގޮސްފައެވެ. ޝުއަރޭޒްގެ އިތުރުން އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ، ބާސާގެ ކެޕްޓަން ލިއޮނަލް މެސީވެސް މި ސީޒަންގައި ބާސާ ދޫކޮށްލަން އެދުނެވެ. އެހެން ނަމަވެސް ކްލަބު ވަނީ އޭނާ ހިފަހައްޓާފައެވެ.