އައްޑޫ ސިޓީގައި ހިމެނޭ ތިމާވެށީގެ ގޮތުން ހާއްސަ ހަތަރު ސަރަހައްދެއް ހިމާޔަތްކޮށްފިއެވެ.
ކޮޑަ ކަނޑަ އާއި ކަނޑިހެރަ، ހިތަދޫ މާކިޅި އާއި މެދެއާރަ އަދި ފެހެލެ ކިޅި، ހުޅުދޫ މާފިށި ކިޅި އާއި ކޭވަކާ ގޮނޑޮ، ހުޅުދޫ އަދި މީދޫގެ މެދަށް އޮންނަ މަތިކިޅި ސަރަހައްދު ހިމާޔަތް ކުރުމަށް ވަޒީރުންގެ މަޖިލީހުން މި މަހުގެ އަށްވަނަ ދުވަހު ނިންމުމާ ގުޅިގެން އެ ސަރަހައްދުތައް މިއަދުން ފެށިގެން ހިމާޔަތްކޮށްފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ ސަރަހައްދުތައް ބެލެހެއްޓުމުގައި އަމަލު ކުރާނީ ގުދުރަތީ ނުވަތަ ތަބައީ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާ ބެހޭ ގަވައިދުވާ ގޮތުގެ މަތިން ކަމަށެވެ.
މި ހަތަރު ސަރަހައްދަކީ އައްޑޫ ސިޓީ ބަޔޮސްފިއަ ރިޒާވަކަށް ހެދުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30ގައި ޔުނެސްކޯއަށް ހުށަހަޅާފައިވާ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދުތަކެވެ.
އައްޑޫ ސިޓީ ބަޔޮސްފިއަ ރިޒާވަކަށް ހެދުމަށް ޔުނެސްކޯއަށް ހުށަހަޅާފައިވަނީ އާންމުންގެ ހިޔާލު ހޯދުމުގެ ސާވޭއިން އައްޑޫ ސިޓީގެ 97 ޕަސެންޓް ރައްޔިތުން ބޭނުންވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވަނީ ވިދާޅުވެފައެވެ. އަދި މި ސަރަޙައްދުތައް ހިމާޔަތްކުރުމަށް ހުށަހެޅީ ކަމާބެހޭ މިނިސްޓްރީތަކާއި އިދާރާތަކާއި އެކި ސިނާއަތްތަކާވެސް މަޝްވަރާކުރެއްވުމަށްފަހު ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފަރާއި އެއް ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ މަތިން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 11 ސަރަހައްދަކާއި ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަހައްދު ވަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު