ޚަބަރު

ބީއެމްއެލުން ބޮޑެތި ވިޔަފާރިތަކަށް 526 މިލިއަން ރުފިޔާ ދޫކޮށްފި

އަލީ އަފާފް ރަމީޒު

ކޮވިޑާ ރިކަވަރީ ލޯނު ސްކީމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ބޮޑެތި ވިޔަފާރިތަކަށް 526.2 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައިވާ ގޮތުން މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ބީއެމްއެލް މެދުވެރިކޮށް 371 ވިޔަފާރިއަކަށް 7.5 މިލިއަން ޑޮލަރުގެ ލޯނާއި 526.2 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ.

ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ލޯނަށް އެދި 566 ވިޔަފާރިއަކުން ހުށަހަޅައިފައިވާއިރު މިހާތަނަށް 405 ވިޔަފާރިއަކަށް ލޯނު ދޫކުރަން އެޕްރޫވް ކޮށްފައިވެއެވެ. އަދި ލޯނަށް ހުށަހެޅި 18 އެޕްލިކޭޝަނެއް ރިޖެކްޓް ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުގައިވެއެވެ.

ބީއެމްއެލުން ފައިސާ ދޫކުރުމަށް ހަމަޖައްސާފައިވަނީ ރިސޯޓްތަކާއި އަހަރެއްގެ މައްޗަށް ޓާންއޯވާގެ ގޮތުގައި ދިހަ މިލިއަނަށްވުރެ މަތީ އަދަދެއް ލިބިފައިވާ ވިޔަފާރިތަކަށެެވެ.

ކޮވިޑް ރިކަވަރީ ސްކީމުގެ ދަށުން ބީއެމްއެލުން ރިސޯޓުތަކަށް 7.7 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާ އިރު ރިސޯޓު ނޫން ވިޔަފާރިތަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެއެވެ.

މި ލޯނު ދޫކުރުމުގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށާއި އަހަރަކު 10 މިލިއަން ރުފިޔާއަށް ވުރެ މަތީގެ އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކަށް ލޯނު ދޫކުރުމުގައި، ދިވެހި އޯނާޝިޕްގެ ނިސްބަތަށާއި މުވައްޒަފުންގެ ތެރޭގައި ދިވެހި މުވައްޒަފުންގެ ނިސްބަތަށް ބަލާނެއެވެ. އެގޮތުން 45 ޕަސެންޓް ނުވަތަ އެއަށްވުރެ މަތިން ދިވެހި މުވައްޒަފުން ގެންގުޅޭ ނަމަ ލޯނު ދޫކުރުމުގައި އިސްކަން ދޭނެ ކަމަށް ފިނޭންސުން ބުނެފައިވެއެވެ.

ބީއެމްއެލުން ދޫކުރާ ލޯނަކީ ވެސް ހަ ޕަސެންޓް އިންޓްރެސްޓްގައި ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ތިން އަހަރުން ދައްކަން ޖެހޭ ލޯނެކެވެ.