ކޮވިޑް 19އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޕްރައިވެޓް ސެކްޓާއަށް ކުރެވޭނެ ބައިވަރު ކަންތައް އެބަހުރި ކަމަށާއި އެހެންކަމުން އެހެން މީހުން ކުރާ ކަންކަން ކުށްވެރިކޮށްގެން ތިބެވެން ނެތް ކަމަށް ރާއްޖޭގެ ފުޅާ ދާއިރާއެއްގައި އިމްޕޯޓު މުދަލުގެ ވިޔަފާރި ކުރަމުން އަންނަ ސިމްޑީގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެ އެވެ.

"ރީސްޓާޓް އޭޝިއަން އިކޮނޮމީސް: އައިޑިއާސް އެންޑް އެކްޝަންސް ފޮ ދަ ހޮޓެލް އިންޑަސްޓްރީ"ގެ ނަމުގައި ބައިނަލްއަގުވާމީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އެފްއެންއެފް ސައުތު އޭޝިއާ އިން ގެނެސްދިން ވެބިނާއެއްގައި ވާހަކަދައްކަވަމުން ކުރީގެ ހެލްތު މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. ޝަކީލާ ވިދާޅުވީ، ކޮވިޑާ ގުޅިގެން ހީނަރުވެފައިވާ ރާއްޖޭގެ ފަތުރުވެރިކަމާއި އިގުތިސާދު އަލުން ދިރުވޭނީ އެއް އަމާޒަކަށް އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ.

"ސަރުކާރުން އެކަނި މަސައްކަތްކޮށްގެން އެއްވެސް ކަމެއް ހާސިލެއް ނުވާނެ. ކުދިކުދި ކުރިއެރުން ގެނައުމަށް ސަރުކާރަށް އާންމުންގެ އެހީތެރިކަން ބޭނުންވޭ. އަދި އެކަން ހާސިލުނުވެއްޖެނަމަ އޭގެ އަސަރު ކުރާނީ ހަމައެކަނި ސަރުކާރަކަށް ނޫން. އޭގެ އަސަރު އެންމެންނަށް ކުރާނެ،" ޑރ. ޝަކީލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮވިޑުން އަރައިގަތުމަށް ސިޔާސީ ކަންކަމާއި އަމިއްލަ އެދުން ދޫކޮށް ގައުމު އިސްކުރަންޖެހޭ ކަމަށެވެ. ޕްރައިވެޓް ސެކްޓާ އިން ވެސް އެހެން މީހުންކުރާ ކަންތައް ކުށްވެރި ނުކޮށް އެކަމުގައި އެހީތެރިވާންޖެހޭ ކަމަށާއި އަދި ސަރުކާރާއެކު އެކަން ކުރަމުން އަންނަ ކަމަށް ވެސް ޝަކީލާ ވިދާޅުވި އެވެ.