ބާސެލޯނާ ދޫކޮށް، އިޓަލީވިލާތުގެ ޔުވެންޓަސްއަށް ބަދަލުވުމަށް ލުއިސް ޝުއަރޭޒް ކުރި މަސައްކަތް ނާކާމިޔާބުވީ ޕާސްޕޯޓެއް ހެދުމަށް މާގިނަ ވަގުތު ހޭދަވާތީ ކަމަށް ޔުވެންޓަސްއިން ވަނީ ބުނެފައެވެ. ޝުއަރޭޒް ކައިވެނިކޮށްގެން އުޅެނީ އިޓަލީގެ އަންހެނަކާ ކަމަށްވުމާއެކު، ޔުވެންޓަސްއިން ބޭނުންވީ ޝުއަރޭޒް އިޓަލީ ކުޅުންތެރިއެއްގެ ގޮތުގައި ކްލަބަށް ގެންދިއުމަށެވެ.
އެކަމުގެ ސަބަބަކީ ސްކޮޑުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ބޭރު ގައުމަކަށް ނިސްބަތްވާ ކުޅުންތެރިންނަށް ކަނޑައެޅިފައިވާ ހާއްސަ ޖާގައެއްގެ ދަށުން ޝުއަރޭޒް ނުގެންދިއުމެވެ. ޝުއަރޭޒްއަކީ ދެކުނު އެމެރިކާގެ އުރުގުއޭއަށް ނިސްބަތްވާ ކުޅުންތެރިއަކަށްވުމުން ޔުވެންޓަސްއިން ބޭނުންވީ ޕާސްޕޯޓެއް ހެއްދުމަށް މަސައްކަތް ކުރާށެވެ.
އިޓަލީގެ ޕާސްޕޯޓަށް ހަދަން ޖެހޭ "ބީ ވަން" ޓެސްޓު ހެދުމަށް ޝުއަރޭޒް އިޓަލީގެ ޕެރުގިއާއަށް ގޮސްފައިވާ އިރު، އޭނާ ވަނީ ޓެސްޓުން ބަރާބަރަށް ފާސްވެސް ވެފައެވެ. އެހެންނަމަވެސް މިހާރު ޕެރުގިއާގެ ޕްރޮސެކިއުޓާ ދަނީ ޝުއަރޭޒްގެ ޓެސްޓާ ގުޅޭ ހާއްސަ ތަހުގީގަކަށް ހުޅުވާލައިފައެވެ. ޝުއަރޭޒްގެ މައްޗަށް ކުރަނީ ސަރުކާރުގެ ލިޔުމެއް ހޯދުމަށް ދޮގު މައުލޫމާތު ދީ، އޮޅުވާލައިގެން ލިޔުން ހޯދަން އުޅުމުގެ ތުހުމަތެވެ.
ކަމާބެހޭ އިދާރާތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓެސްޓުގެ ކުރިން ޝުއަރޭޒްއަށް ޓެސްޓުގައި އަންނާނެ ސުވާލުތައް އެނގޭ ކަމަށާއި ޓެސްޓުގައި ޝުއަރޭޒްއަށް ލިބޭނެ މާކްސް އޮތީ މާ ކުރީބައިގައި ކަނޑައަޅާފައި ކަމަށެވެ. ޓެސްޓަކީ އިޓަލީ ބަހުގެ ޓެސްޓަކަށްވާ އިރު، ޝުއަރޭޒްއަށް އެހާ ފަސޭހައިން އިޓަލީ ބަހުގެ އުނދަގޫ ސުވާލުތަކަށް ޖަވާބު ދެވިފައިވާގޮތް ހޯދުމަށްވެސް ކަމާބެހޭ އިދާރާތަކުން ވަނީ މަސައްކަތް ފަށައިފައެވެ.
ޝުއަރޭޒް ހޯދުމަށް އޭރު ޔުވެންޓަސްއިން މަސައްކަތް ކުރި ނަމަވެސް، މިހާރު އެ ކްލަބުން ވަނީ އެ މަސައްކަތް ހުއްޓާލައިފައެވެ. ބާސާގައި މި ސީޒަން މަޑުކުރަން ބޭނުންނުވާ ކަމަށް ޝުއަރޭޒް ބުނެފައިވާ އިރު، ބެލެވޭ ގޮތުގައި ދެން އޭނާ ފެންނާނީ ވާދަވެރި އެތުލެޓިކޯ މެޑްރިޑުންނެވެ.
ލުއިސް ސުއަރޭޒް
ލުއިސް ސުއަރޭޒް
ލުއިސް ސުއަރޭޒް
ލުއިސް ސުއަރޭޒް