ގދ. ތިނަދޫގައި ހަދަން ނިންމި ކޮވިޑް ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ތިނަދޫ ކޮވިޑް ފެސިލިޓީ ހަދަން ސަރުކާރުން ނިންމާފައިވަނީ އެރަށު ދަރުބާރުގޭގަ އެވެ. އަދި މިމަހުގެ ކުރީކޮޅު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޓީމެއް އެރަށަށް ގޮސް އެތަނުގެ މިންތަކާ އެއްޗެހި ވަނީ ނަގައިފަ އެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "ވަން" މިއަދު އަށް ވިދާޅުވީ، ފެސިލިޓީ ހަދަން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ ކަމަށެވެ. އެގޮތުން ފެސިލިޓީ ހަދާ ބިން ހަވާލުކޮށް، އިއްޔެ ތަނުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ފެސިލިޓީ ނިންމަން ދިނީ 20 ދުވަހެވެ.
ތަސްލީމާ ވިދާޅުވީ، ހަވާލުކުރި ތިނަދޫ ފެސިލިޓީގައި 15 އައިސޮލޭޝަން އެނދާއި ހަ އައިސީޔޫ އެނދު އަދި ޑައިލިސިސް އެނދެއް ހުންނާނެ ކަމަށެވެ. އެ ފެސިލިޓީ ހަދަން އެމްޓީސީސީއާ ހަވާލުކުރީ ކިހާ ވަރަކަށް ކަމެއް އަދި ނޭނގެ އެވެ.
ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ހަދަން ސަރުކާރުން ނިންމީ، އެރަށުން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހަކު، ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ދޭން އެރަށު މަދު ބަޔަކު ނުކުމެ ދެކޮޅު ހަދައި އޭނާ އެ ރަށަށް ނޭރުވި މައްސަލައިގެ ތެރެއިންނެވެ.
ގއ. ވިލިނގިލީގައި 23 އެނދުގެ ކޮވިޑް ފެސިލިޓީއެއް ހެދީ ގއ. އަތޮޅާއި ގދ. އަތޮޅުން ކޮވިޑަށް ޕޮޒިޓިވްވެ ބަލީގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށެވެ.