ބާސެލޯނާއިން ތައްޔާރުވަމުން އަންނަނީ ކްލަބުގެ ބޮޑު "އޯވާހޯލް" އަކަށެވެ. ޓީމުގެ ސީނިއާ ބައެއް ކުޅުންތެރިންވެސް މި ސީޒަންގައި ކްލަބު ދޫކޮށްލާނެ ކަމަށް ބެލެވިފައިވާއިރު، އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ އިންޓަ މިލާނަށް ބަދަލުވުމަށް ނިންމާފައިވާ އަރުޓޫރޯ ވިޑާލްއެވެ. އޭގެ އިތުރުން ލުއިޒް ޝުއަރޭޒްވެސް ބާސާ ދޫކޮށްލަން ނިންމާފައިވާކަމަށް އިތުބާރު ހުރި ފަރާތްތަކުން ބުނެފައި ވެއެވެ.
ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީވެސް ކްލަބު ދޫކޮށްލަން އެދި، އެކަމަށް ގާނޫނީ ގޮތުން ކްލަބުން ހުރަސް އެޅުމުން މިހާރު ވިސްނުން ބަދަލުކޮށްފައިވާއިރު، އަންނަ ސީޒަންގައި ކޮންމެހެންވެސް ކްލަބު ދޫކޮށްލާނެ ކަމަށް މެސީ ވަނީ އިއުލާން ކޮށްފައެވެ. ވިޑާލް ކްލަބު ދޫކޮށްލިކަން އިއުލާން ކުރުމުން މެސީ އިންސްޓާގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ބާސާގެ ޑްރެސިން ރޫމްގައި ވިޑާލް ނެތްތައް ދައްކާނެ ކަމަށާއި، މިދިޔަ ދެ އަހަރު ދުވަހު ހޭދަކުރީ ފުޓުބޯޅައިގެ ވަރަށް މުހިއްމު ދުވަސްތަކެއް ކަމަށެވެ.
އެ ޕޯސްޓަށް ރިޕްލައި ކުރަމުން ވިޑާލް ބުނެފައި ވަނީ "ޝުކުރިއްޔާ އޭލިއަން! މިހާތަނަށް ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާއާއެކު ކުޅެ، ރަހުމަތްތެރިވެވުނީތީ އަހަރެން ފަހުރުވެރިވޭ. އަދި ފެންނާނެ،" މިހެންނެވެ.
ވިޑާލްގެ މެސެޖުގައި ގިނަ ވާހަކަތަކެއް ބުނެފައިވާކަމަށް ބައެއް މީޑިއާތަކުން ބުނެފައި ވެއެވެ. ހާއްސަކޮށް އިންޓަ މިލާންއަކީ މެސީއަށް އަބަދުވެސް ލޯ އަޅަމުން އަންނަ ކްލަބަކަށްވާއިރު، މެސީ އިންޓައަށް ދާން ވިސްނާ ކަމުގެ ސިގްނަލެއް ވިޑާލް ދިން ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.
މެސީގެ އިތުރުން ޝުއަރޭޒްވެސް ވަނީ ވިޑާލްއަށް ޝުކުރު އަދާކޮށް، އަލްވަދާއު ކިޔައިފައެވެ. ވިޑާލް ވަނީ ބާސާއާއެކު 2018-19 ގެ ލީގު ކާމިޔާބުކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު