އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުންނާއި އެ ކޮމިޝަންގެ ރައީސް މިނިވަންކަމާއެކު ނުފޫޒުން އެއްކިބާވެ ތިބެ މަސައްކަތް ކުރުމަށް ބާރުއަޅައި އޭސީސީގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލަކީ މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި ބިލު ތަސްދީގު ކުރެއްވުމާއި ގުޅިގެން އެ އިސްލާހު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. އަދި އެ އިސްލާހަށް މިއަދުން ފެށިގެން އަމަލުކުރަން ފެށޭނެ އެވެ.
މި އިސްލާހުގައި ކޮމިޝަންގެ ރައީސް އާއި މެންބަރުން ވެސް މިނިވަންކަމާއެކު ނުފޫޒުން އެއްކިބާވެ ތިބެ މަސައްކަތް ކުރުމަށް ބާރުއަޅައި މާއްދާތައް ހިމަނާފައިވެ އެވެ. އަދި ކޮމިޝަނުގެ މެންބަރުންގެ މަގާމުގެ ވާޖިބުތައް އަދާކުރުމުގައި ކޮމިޝަންގެ ޖަމާއީ ސުލޫކު އަދި ކޮމިޝަނުގެ މެންބަރުންގެ ހައިސިއްޔަތާއި ފަރުދީ ހައިސިއްޔަތުން މެންބަރުން ހިފަހައްޓަންޖެހޭ ޒާތީ ސުލޫކު މި އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
އޭގެ އިތުރުން ކޮމިޝަންގެ މެންބަރުން އިތުރު ވަޒީފާ އަދާނުކުރުމާއި އަދި މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށް ބާރުއަޅައި މާއްދާތައް ބިލުގައި ހިމަނާފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު