ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގާ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުގެ ދަށުން "ކޮވިޑް ހުއްޓުވާނީ އަހަރެން - ރައްޔިތުންގެ ކެމްޕެއިން" ގެ ނަމުގައި އާންމުންނަށް ބައިވެރިވެވޭ ގޮތަށް، ވީޑިއޯ އަދި ފޮޓޯ މުބާރާތެއް މިއަދު ހުޅުވާލައިފިއެވެ.
ދިވެހި މީޑިއާގެ ގައުމީ ކެމްޕޭނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އަގުހުރި ފައިސާގެ އިނާމުތަކެއް ހުށަހަޅާފައިވާ މި މުބަރާތުގައި ވީޑިއޯ އާއި ފޮޓޯ ތައްޔާރު ކޮށް ފޮނުވަން ޖެހޭނީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭނާ ގުޅޭގޮތުން އާންމު ހޭލުންތެރިކަން އިތުރުވާނެ ހިޔާލެއް، މެސެޖެއް ދެވޭ ވީޑިއޯ އާއި ފޮޓޯއެވެ.
އެ ގޮތުން ވީޑިއޯ މުބާރާތުގައި ބައިވެރިކުރާ ވީޑިއޯއެއްގެ ދިގުމިން 30 ސިކުންތަށް ވުރެ ދިގުވެގެން ނުވާނެއެވެ. ވީޑިއޯގައި އޯޑިއޯ ވޮއިސް، ބެކްމިއުޒިކް ހިމަނާނަމަ، ހިމަނަން ވާނީ ސާފުކޮށް އަޑުއަހަން ފަސޭހަ ވާނެ ގޮތަކަށް ކަމަށާއި ހުރިހާ ވީޑިއޯއެއް ހުންނަން ވާނީ، mp4 ފޯމެޓްގައި ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ފޮޓޯ މުބާރާތުގައި ހިމަނާ ފޮޓޯތަކުގައި، ތީމާ ގުޅޭ ގޮތުން ދޭ މެސެޖް، އަސަރު ސާފުވާން ވާނެ ކަމަށާއި ފޮޓޯތައް ހުންނަންވާނީ JPG, JPEG or PNG ފޯމެޓްގައި ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.
ވީޑިއޯ އަދި ފޮޓޯ މުބާރާތުން ކުރެ ކޮންމެ މުބާރާތަކުން 1،2،3 ހޮވުމަށް ވަނީ ހަމަޖައްސާފައިވާ ކަމަށާއި ވަނަވަނަ އަށް ހޮވޭނީ މުބާރާތް ނިމޭއިރު އެންމެ ގިނަ ފޭސްބުކް ލައިކް އަދި ޝެއާ ލިބިފައި ހުންނަ ވީޑިއޯ އަދި ފޮޓޯ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
މި ދެ މުބާރާތުގެ ތެރެއިން ވީޑިއޯ މުބާރާތުގެ އެއްވަނަ ވީޑިއޯ އަށް 15،000ރ، 2 ވަނަ ވީޑިއޯ އަށް 10،000ރ އަދި 3 ވަނަ ވީޑިއޯ އަށް 7،000ރ ހުށަހަޅާފައި ވާއިރު، 1 ވަނަ ފޮޓޯ އަށް 10،000ރ، 2 ވަނަ ފޮޓޯއަށް 5،000ރ އަދި 3 ވަނަ ފޮޓޯ އަށް 3،000ރ ލިބޭނެ ކަމަށް މީޑިއާގެ ގައުމީ ކެމްޕޭން ހަރަކާތުން ނެރުނު ބަޔާނުގައި ވެއެވެ.
ވީޑިއޯ އަދި ފޮޓޯ މުބާރާތުގައި ބައިވެރި ކުރާ ތަކެތި މިމަހުގެ 30 ވާ ބުދަދުވަހުގެ އިރު އޮއްސި 06:00ގެ ކުރިން ފޮނުވަން ޖެހޭނެ ކަމަށާއި ތަކެތި ފޮނުވާނީ 7231002 ޓެލެގްރާމް ނަންބަރަށް ކަމަށް ވެސް ބުނެފައި ވެއެވެ.
މުބާރާތުގައި ބައިވެރި ކުރާ ތަކެތި، އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު މި ކެމްޕޭނުގެ ފޭސްކްބް ޕޭޖުގައި ޕޯސްޓްކޮށް ޝެއާ ކުރުމަށާއި ލައިކްސް ހޯދުމަށް އާންމުކޮށް ހުޅުވާލާނެ ކަމަށާއި މި މުބާރާތުގެ ދަށުން ޕޯސްޓު ކުރާ ވީޑިއޯ އަދި ފޮޓޯ ޝެއާކޮށް ލައިކް ހޯދުމަށް ހުޅުވާލާ ފުރުސަތު ބަންދުވާނީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ އިރުއޮއްސި 06:00 ގައި ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އަދި މި މުބާރާތުގެ ނަތީޖާ ފާޅުކުރާނެ ދުވަހާއި ވަގުތު އެ ދުވަހު އިއުލާން ކުރެވޭނެއެވެ.
މި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މީޑިއާގެ ގައުމީ ކެމްޕޭން ސްޓިއަރިން ކޮމެޓީގެ ސްޕޯކްސް ޕާސަން، އަހުމަދު ޒާހިރު (ހިރިގާ) 7771060 އަށް ގުޅުމަށް ބަޔާނުގައި ވަނީ އެދިފައެވެ.