ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލާއެކު ޔުވެންޓަސްއިން މޮޅަކާއެކު އިޓާލިއަން ސެރެއާ ފަށައިފިއެވެ.
ޖުވެންޓަސްއާ ހަވާލުވި ކޯޗު، އެންދްރޭ ޕިރްލޯގެ އިރުޝާދުގެ ދަށުން އެޓީމުން ކުޅުނު ފުރަތަމަ މެޗުން ރޭ މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ. އެލިއާންޒް ސްޓޭޑިއަމްގައި ސަމްޕްޑޯރިއާއާ ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް މޮޅުވި އިރު، އެޓީމުގެ ފުރަތަމަ 11 ފެނުނީ ގިނަ ބަދަލުތަކަކާއެކުގައެވެ.
މިދިޔަ ސީޒަނުގައި ޔުވެންޓަސްއަށް ލީގު ލިބުނު ނަމަވެސް ޔޫރަޕުގައި އެޓީމުން ބޭނުންވި ކާމިޔާބީ ލިބިފައެއް ނުވެއެވެ. ސްކޮޑުގެ އުމުރު މައްޗަށް ދިޔުމަކީ ޔުވެންޓަސް އަޑިއަޅައިލުމުގެ މައިގަނޑު ސަބަބެއްކަމަށް ފުޓުބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ބުނަމުން ދިޔަ އިރު، އެކަން ރަނގަޅުކޮށް، ޓީމު އޯވާހޯލް ކުރުމަށް ހަވާލުވީ އިޓަލީ އަދި ކްލަބު ލެޖެންޑް ޕިރްލޯއެވެ.
އެ މަސައްކަތުގެ ދަށުން ޕިރްލޯ ވަނީ ގިނަ ކުޅުންތެރިންތަކެއް ޓީމުން ބޭރުކުރުމަށް މަސައްކަތް ފަށައިފައެވެ. ހިގުއައިން އާއި މަޓުއީޑީ ފަދަ ކުޅުންތެރިންވެސް އެމެރިކާ ލީގަށް ބަދަލުވެފައިވާ އިރު، ރޭގެ މެޗުން ފެނިގެން ދިޔައީ ޕިރްލޯގެ އާ ސިސްޓަމަށް ޓީމު ފައްކާވަމުން އަންނަ ތަނެވެ. އަރިމަތިން ހަލުވި ޒުވާން ކުޅުންތެރިންގެ ސްޕީޑް ފެނިގެންދިޔަ އިރު، ގިނަ ޕާސްތަކަކާއެކު ޔުވެންޓަސްއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދައިފައެވެ.
ރޮނާލްޑޯގެ އިތުރުން ބޮނޫޗީ އާއި، ޒުވާން މިޑްފީލްޑަރު ކުލުސެވްސްކީގެ ގޯލްތައް މެޗުގައި ފެނުނެވެ. ރޭގެ މެޗަކީ ކުލުސެވްސްކީ ޔުވެންޓަސް ޖާޒީގައި ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ.
ރޭގެ މެޗުން ޔުވެންޓަސް މޮޅުވި ނަމަވެސް ދެން އޮތް މެޗު އެޓީމަށްވެސް ފަސޭހައެއް ނުވާނެއެވެ. ލީގުގައި ޔުވެންޓަސްއިން ދެން ކުޅޭނީ ރޯމާއާ ދެކޮޅަށް، ސްޓޭޑިއޯ އޮލިމްޕިކޯގައެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ