މާލޭ ސިޓީ ކައުންސިލުގައި މަސައްކަތް ކުރާ 32 ބިދޭސީއަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލްގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ އެ ކައުންސިލުގެ ބިދޭސީ މުވައްޒަފުން ބައިތިއްބަން ހުޅުމާލޭގައި ހުންނަ އެ ކައުންސިލުގެ އެކޮމޮޑޭޝަން ބްލޮކުގައި ތިބި 32 ބިދޭސީއަކު ކަމަށެވެ. އަދި އެމީހުން ޕޮޒިޓިވްވިކަން އެނގިފައިވަނީ މީގެ ތިން ދުވަސް ކުރިން ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޕޮޒިޓިވްވި މީހުން މިހާރު ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށެވެ. އަދި އެ އެކޮމޮޑޭޝަން ބްލޮކުގައި ތިބި އެހެން ބިދޭސީންވެސް ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އޭގެ ތެރެއިން އަލާމާތްތައް ހުރި މީހުން ވަކި ތަނަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ ކުރިންވެސް މާލޭ ސިޓީ ކައުންސިލުގެ ބައެއް މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.