"އަޅުގަނޑުގެ މައިންޑްގެ 90 ޕަސެންޓަކީ ގޭމް. ރިއަލް ލައިފް (ހަގީގީ ދިރިއުޅުން) އަކީ 10 ޕަސެންޓް. އެހެންވެ އަބަދު ގޭމްގެ ވާހަކަ ދައްކަނީ،" އުމުރުން ހަތް އަހަރުގެ ދިވެހި ކުއްޖަކު އަބަދު ގޭމުގެ ވާހަކަ ދައްކަނީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ދިން ޖަވާބަކީ މިއީ އެވެ.
މިއީ އެންމެ ކުއްޖެއްގެ ހާލަތެއް ނޫނެވެ. ކުދި ބޮޑު ދެ ޖިންސުގެ އެތައް ދިވެހިންނެއް މިއަދު ވަނީ ގޭމް ކުޅުމަށް ދެވި ހިފައިފަ އެވެ. ރައްޓެހިންނާއެކު ވަގުތު ހޭދަ ކުރުމަށާއި ހިތް އުފާ ކުރުމަށް އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަންކަން ދަސް ކުރަން ގޭމް ކުޅުމަކީ ހަމަ ރަނގަޅު ކަމެކެވެ. ނަމަވެސް ހަމައެކަނި އެކަމަށް ހުސްވެގެން ނުވަތަ އެހެން ކަންކަން ކުރަން ފޫހިވާ ވަރަށް ގޭމަށް ހުސްވުމަކީ މައްސަލައެކެވެ. އޭގެ ސަބަބުން އެކަމަށް ދެވި ހިފާފައިވާ މީހުންގެ ސިއްހަތަށާއި ގައުމުގެ އުފެއްދުންތެރި ކަމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރެ އެވެ.
"ޕަބްޖީ" އާއި "ފޯޓްނައިޓް" ފަދަ ގޭމްތައް ކުޅުމަށް ރާއްޖޭގެ ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން ދުވާލުގެ އެތައް ވަގުތެއް ހޭދަ ކުރެ އެވެ. ރޭގަނޑުގެ ނިދި ނަގާލާފައި ގޭމް ކުޅެން ތިބެ އެވެ. އޮންލައިން ގޭމްތައް ކުޅުމުގެ ތެރެއިން ރަހުމަތްތެރިކަން ބަދަހި ކުރުމުގެ އިތުރުން އާ ރައްޓެހިން ހޯދުމާއި ގުޅުންތައް ބޭއްވުމަކީ މިހާރު އާންމު ކަންކަމެވެ. މައްސަލައަކަށް ވަނީ އެކަންކަމަށް ހައްދެއް ނެތުމެވެ. އޭގެ ސަބަބުން އެކުދިންގެ ކިޔެވުމަށާއި ޒުވާނުންގެ ވަޒީފާތަކަށް އޭގެ ނޭދެވޭ އަސަރު ކުރެ އެވެ. ކޮވިޑް-19ގެ ސަބަބުން ލޮކްޑައުންގައި ގިނަ ދުވަސްތަކެއްގައި ތިބެން ޖެހުމުން ފޫހިފިލުވުމުގެ ގޮތުން ގޭމް ކުޅެން ފެށި އެތައް ކުޑަ ކުއްޖަކާއި އެތައް ޒުވާނުންނެއް މިހާރު މިވަނީ އެކަމަށް ދެވިހިފާފަ އެވެ.
"ކުރިން ފޫހިވީމަ މޫދަށް ގޮސް އެކި ކަންކަމުގައި އުޅޭނީ. މިހާރު އެކަމަކު ކޮވިޑް-19 އާ ހެދި ތަންތާކަށް ނުދެވޭނު. އަސްލު ލޮކްޑައުންއާ ހެދި ބޮޑަށް އެކަމުގެ (ގޭމް) ގެ ތެރެއަށް ދިޔައީ. މިހާރު މުޅިންހެން އެކަމުގައި އުޅެނީ،" ގްރޭޑް ފަހެއްގައި ތައުލީމް ހާސިލް ކުރާ އަންހެން ކުއްޖެއްގެ މަންމަ އޭނާގެ ދަރިފުޅު ގޭމްގެ ތެރެއަށް ދިޔަ ގޮތް ކިޔައިދެމުން ބުންޏެވެ.
ހަރަކާތް މަދުވެ އަބަދު އެއްތަނެއްގައި އިނުމަކީ ސިއްހަތަށް ނުރައްކަލެކެވެ. އަބަދު ސްކްރީނަށް ބަލަހައްޓައިގެން އިނުމަކީ ވެސް ނުރައްކަލެކެވެ. މިހުރިހާ ކަމެއްގެ ސަބަބުން ތިމާގެ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތަށް އޭގެ ނޭދެވޭ އަސަރު ކުރެ އެވެ. ހަމައެއާއެކު އާއިލީ ގުޅުން ކުޑަވުމާއި ދެމަފިރިންގެ ގުޅުން ކުޑަވާ ހިސާބަށް ގޭމްގެ ކަންކަން މިވަނީ ގޮސްފަ އެވެ. މިހުރިހާ ކަމަކާއެކު ގޭމަށް ދެވި ހިފުން ވެފައި މިވަނީ މީހާގެ އުފެއްދުންތެރިކަން ދަށްވެ ނުތަނަވަސް ނުވަތަ ހާސްކަމުގެ ދުނިޔެއަކަށް ފަހުން މީހާ ވެއްޓޭނެ ސަބަބަކަށެވެ.
ވީޑިއޯ ގޭމް އެޑިކްޝަނަކީ ދެނެގަނެވޭ ފަދަ ޑިސްއޯޑާއެއް ކަމަށް އެމެރިކަން މެޑިކަލް އެސޯސިއޭޝަނުން އަދި ބަލައިނުގަތް ކަމުގައިވީ ނަމަވެސް އެކަމަކީ ގިނަ ބަޔަކަށް އޭގެ އަސަރު ކުރަމުން އަންނަ ކަމެކެވެ.
ޔުނިވަސިޓީ އޮފް ނިއު މެކްސިކޯ އިން މިފަހުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ގޭމު ކުޅޭ މީހުންގެ ތެރެއިން ހަ ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ މީހުންގެ ފަރާތުން އެޑިކްޝަން ކަމަށް ބެލެވޭ ނިޝާންތަކެއް ފެނިފައިވެ އެވެ.
"ނިޝާންތަކުގެ ތެރޭގައި އަހުލާގު އަދި މޫޑަށް ބަދަލު އައުން. މިސާލަކަށް އިޖްތިމާއީ ކަންކަމުން އެކަހެރިވުން، ކުރިން ކުރަން ބޭނުންވާ ކަމެއް ނުކުރުން. މި ހުރިހާ ކަމަކީ އެމީހަކަށް އުދަނގޫވުމާއި އެންޒައިޓީ ނުވަތަ ޑިޕްރެޝަނަށް ގޮސްދާނެ ކަންކަން. އޭގެ އިތުރުން ކިޔެވުމަށް ދަށްވުމާއި ގޭމު ކުޅެން ހޭދަކުރާ ވަގުތު ކޮންޓްރޯލް ކުރަން ނޭނގި ބޮއްސުންލައިގެން ދިއުން ފަދަ ކަންކަން ވެސް ފާހަގަވެދާނެ،" ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ އެމެރިކާގެ ޑޮކްޓަރު، ކާކް މޯބާގް ވިދާޅުވި އެވެ.
- ގޭމް އެޑިކްޝަންގެ އަލާމާތްތައް
- • އަބަދު ގޭމާ މެދު ވިސްނުން
- • ގޭމް ނުކުޅެވޭ ނަމަ އުނދަގޫ އިހުސާސްވުން
- • ދުވަހުގެ ގިނަ ވަގުތު ގޭމް ކުޅެން ބޭނުންވުން
- • ކުރިން ޝައުގުވެރިވާ އެހެން ކަންކަން ކުރަން ބޭނުން ނުވުން
- • ކިޔެވުން/ މަސައްކަތް ކުރުން ފަދަ ކަންކަމުގައި އުނދަގޫވުން
- • އެހެން މީހުންނާ ގުޅުން ބާއްވަން ބޭނުން ނުވުމާއި ބޭރު ތެރެއަށް ނުކުމެ އުޅެން ބޭނުން ނުވުން
- • ގޭމް ކުޅުން ނޫން އެހެން ކަންކަމުން އުފާ ނުލިބުން
ގޭމް ކުޅުމަށް ދެވި ހިފުމަކީ ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ވެސް ކުރިމަތިވެފައިވާ މައްސަލައެކެވެ. އެކަންކަން ހައްލު ކުރުމަށް މިލްޓަރީ ޓްރެއިނިން ފަދަ ކަންކަން ޗައިނާގައި ކުރިއަށް ގެންދެ އެވެ. އެ ޓްރެއިނިން ކޭޕްތަކަށް ގޭމް ކުޅެން ދެވި ހިފާފައި ތިބި ކުދިންނާއި މީހުން ގެންގޮސް ވަކި ޝެޑިއުލް އަކަށް އެމީހުން ލައްވައި ކަންކަން ކުރުވަ އެވެ. އޭގެ ތެރޭގައި ވަކި ވަގުތެއްގައި ނިދުމާއި ވަކި ވަގުތެއްގައި ހޭލުމުގެ އިތުރުން ވަކި ޝެޑިއުލްއެއްގެ ދަށުން ކަސްރަތު ކުރުމާއި ގަޑިން ގަޑިޔަށް ކެއުން ފަދަ ކަންކަން ހިމެނެ އެވެ. ގޭމް ކުޅުމަށް ދެވިހިފާފައި ތިބި ކުދިން އެ ޓްރެއިނިން ނިންމުމަށް ފަހު އެނބުރި ގެޔަށް ދާއިރު ތިބެނީ ދިރިއުޅުމުގެ ރަނގަޅު އާދަތައް ދަސްވެފަ އެވެ.
ރާއްޖޭގެ ހާލަތަށް ބަލާއިރު ޖިމްތަކާއި ކަސްރަތު ޕްރޮގްރާމްތައް ހިންގާ ފަރާތްތަކުން އެފަދަ ޓްރެއިނިންތައް ބާއްވަން މިވަނީ ޖެހިފަ އެވެ. ދަރިންގެ ފަރާތުން އެފަދަ ކަންކަން މާބޮޑަށް ފާހަގަ ކުރެވޭނަމަ ތެރަޕީއަށް ކުދިން ފޮނުވުމަކީ ވެސް މުހިންމު ކަމެކެވެ. ކޮގްނަޓިވް ބިހޭވިއަރަލް ތެރަޕީ (ސީބީޓީ) ފަދަ ހާއްސަ ތެރަޕީތަކުން ވެސް އެފަދަ ދެވިހިފުންތަކުން ސަލާމަތް ކުރެވޭނެ އެވެ. ލަސްނުކޮށް ފަރުވާ ހޯދުން މުހިންމެވެ. މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި ކްނިލިކް ތަކުން ވެސް ރާއްޖޭގައި އެ ފަރުވާ ލިބެ އެވެ.
ޒުވާނުންނާއި ކުޑަކުދިން ގޭމްގެ ދުނިޔެއަށް ގެނބިގެން ދާއިރު އެކަމަށް ސްކޫލް ފެންވަރުގަޔާއި ގައުމީ ފެންވަރެއްގައި ސަމާލުކަން ދޭން އެބަޖެހެ އެވެ. ނޫނީ މުސްތަގުބަލުގައި މަސައްކަތް ކުރަން ތިބި ޒުވާނުންނަކީ ބަލި ނުވަތަ އުފެއްދުންތެރިކަން ދަށް ބަޔަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ގޭމް ވެސް ކުޅެން ވާނެ އެވެ. އެކަމަކު އެކަން ކުރަން ވާނީ ހައްދެއްގެ ތެރޭގަ އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް