ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭން ކަނޑައެޅި 250 މިލިއަން ޑޮލަރު (3.85 ބިލިއަން ދިވެހި ރުފިޔާ)ގެ ލޯނު މިއަދު ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ލޯނުގެ ރަމްޒީ ޗެކާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެއްލެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އިންޑިއާ ސަރުކާރުން ޗެކު ހަވާލުކޮށްދެއްވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ. މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ބައިވެރިވެވަޑައިގަތެވެ.

ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާ އިން މި ލޯނު ދީފައިވަނީ ކޮވިޑުގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ އިގްތިސާދީ ގެއްލުންތައް ކުޑަކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތުމާއި ގުޅިގެން ކަމަށެވެ. އަދި މިއީ ކޮވިޑުގެ ޙާލަތު ދިމާވި ފަހުން ގައުމަކުން ރާއްޖެއަށް ފޯރުކޮށްދޭ އެންމެ ބޮޑު އެހީ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް އިންޑިއާއިން ރާއްޖެ އަށް ދިން 250 މިލިޔަން ޑޮލަރުގެ މި ލޯނު ދީފައިވަނީ ދިހަ އަހަރު ދުވަހުގެ ތެރޭ ދައްކާ ހަލާސްކުރާ ގޮތަށެވެ. ލޯނުގެ އިންޓަރެސްޓްގެ ގޮތުގައި ނަގަނީ 3.5 ޕަސަންޓެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ގާތް އެކުވެރިއެއް ކަމަށާއި ރާއްޖެއަށް އެހީތެރިކަމެއް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދެނީ އިންޑިއާ ކަމަށެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ އިންޑިއާ އިން މި ފޯރުކޮށްދިން ލޯނުގެ ބޭނުން ކުރެވޭނީ ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމުގެ އިތުރުން ކޮވިޑް ރެސްޕޮންސް ޕެކޭޖުތަކަށް ކަމަށެވެ.