ލޯނު އެއްބަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑްގެ ވޭލްސްގެ ފޯވަޑް ގެރެތު ބޭލް، އެނބުރި ޓޮޓެންހަމް ހޮޓްސްޕާއާ ގުޅިއްޖެއެވެ.
އުމުރުން 31 އަހަރުގެ ބޭލް ޓޮޓެންހަމް ދޫކޮށް، ރެއާލްއާ ގުޅުނީ 2013 ވަނަ އަހަރުއެވެ. އޭރު ރެއާލްއާ ބޭލް ގުޅުނީ އެންމެ އަގުބޮޑު ފުޓުބޯޅަ ކުޅުންތެރިޔާގެ ގޮތުގައެވެ. ޓޮޓެންހަމްގައި ބޭލް ވިދާލި ނަމަވެސް، އޭނާއަށް ރެއާލްގައި ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
ބޭލް އަލުން ޓޮޓެންހަމްއާ ގުޅިފައިވާ އިރު، އެޓީމުގައި އޭނާ ބޭނުންކުރާނީ ނުވަ ނަންބަރުގެ ޖާޒީއެވެ.
ޓޮޓެންހަމްއާ ގުޅުމަށްފަހު ބޭލް ބުނީ ފިޓްނަސް ރަނގަޅުވުމުން އެކްލަބާއެކު ކާމިޔާބީ ހޯދުމަށް ތައްޔާރު ކަމަށާއި އަލުން އެކްލަބުން ފުރުސަތު ލިބުމުން ވަރަށް އުފާކުރާ ކަމަށެވެ. އަދި ޓޮޓެންހަމްއަކީ ވަރަށް ހާއްސަ ކްލަބެއް ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެން އުންމީދުކުރަނީ ކްލަބާއެކު ކާމިޔާބީތަކެއް ހޯދޭނެ ކަމަށް. މިއީ އަހަރެންނަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް. ގަވައިދުން މެޗުތަކުގައި އަހަރެންގެ ކުޅުން ދައްކާލަން ބޭނުންވާ،" އޭނާ ބުންޏެވެ.
ޓޮޓެންހަމްއަށް މީގެ ކުރިން ކުޅުނު 203 މެޗުން ބޭލް ވަނީ 55 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ޓޮޓެންހަމްއާއެކު ޕީއެފްއޭ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދައިފައެވެ.