ކޮރަޕްޝަން ހުއްޓުވޭނީ ރިޝްވަތު ހުށަހަޅާ ފަރާތްތަކަށްވެސް ހަރުކަށި އަދަބު ދީގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރަށް ދައުވާ އުފުލައިދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަަށް ފޮނުއްވި މައްސަލައާ ގުޅިގެންނެވެ.
އުޝާމް ވިދާޅުވީ އެއްވެސް ސަރުކާރަކުން އެފަދަ ކަންކަމުގައި ބައިވެރިވާ ކުންފުނިތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާތަން ނުފެންނަ ކަމަށެވެ.
އޭގެ ބަދަލުގައި ފެންނަމުންދަނީ އަނެއްކާވެސް އުސޫލުން ބޭރުން އެކުންފުނިތަކަށް ޕްރޮޖެކްޓްތައް ހަވާލުކުރާތަން ކަމަށްވެސް އުޝާމު ވިދާޅުވިއެވެ. ކުރީ ސަރުކާރުން ޒިކުރާ މިސްކިތުގެ މަސައްކަތް ހަވާލުކުރި އެސްޖޭ ކޮންސްޓްރަކްޝަނާ މިސަރުކާރުންވެސް ބައެއް ޕްރޮޖެކްޓްތައް ވަނީ ހަވާލު ކޮށްފައެވެ.
އޭސީސީން މިދިޔަ ބުދަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދާރުލް ޒިކުރާ މިސްކިތް (ޒިކުރާ މިސްކިތް) އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން އާއެކު ކުރީގެ އިސްލާމިކް މިނިސްޓްރީން ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ބުނާ މައްސަލަ އެ ކޮމިޝަނުން ތަހުގީގުކޮށް ނިންމައި އެމައްސަލައިގައި ދައުވާކުރުމަށްޓަކައި އިއްޔެ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު (ހަލަވެލި، ބ.އޭދަފުށި) އާއި އޭރު އެ މިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަންގެ ވެރިޔަކަށް ހުންނެވި އިބްރާހިމް އަބްދުﷲ ސައީދު (މ.މުހައްމަދީއާބާދު، ކ.މާލެ)ގެ މައްޗަށް ކަމަށްވެސް އޭސީސީން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު އުޝާމް
ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު އުޝާމް
ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު އުޝާމް