އަމާޒަކީ އަންނަ އަހަރު ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ސީއެންއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ހީނަރުވެފައިވާ އިގުތިސޯދު އަލުން އާރާސްތުކުރެވޭނީ ފަތުރުވެރިކަން ބާރަށް ފަށައިގަނެވި، ރާއްޖެއަށް ފަތުރުވެރިން ގެނެވިގެން ކަމަށެވެ. އެގޮތުން ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި، ރާއްޖެއަކީ ރައްކާތެރި ގައުމެއްކަން ފަތުރުވެރިންނަށް ވިސްނައިދޭން ޖެހޭ ކަމަށާއި މިފަހުން ރާއްޖެއަށް ލިބުނު ސޭފް ޓޫރިޒަމް ސްޓޭމްޕާއެކު ދުނިޔޭގެ ގިނަ ބަޔަކަށް ރާއްޖެއަކީ ފަތުރުވެރިން އައުމަށް ރައްކާތެރި މަންޒިލެއްކަން އެނގިގެން ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ސްޓޭމްޕްގެ ސަބަބުން އަޅުގަނޑުމެންނަށް ރާއްޖެއަކީ އަމާން، އަދި ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްކަން ފަތުުރުވެރިންނަށް ވިސްނައިދިނުމަށް މި ކުރާ މަސައްކަތައް އިތުރު އެހީއެއް ލިބިއްޖެ،" މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވަނީ ހަތަރު ލައްކަ ފަތުރުވެރިން ކަމަށާއި އުންމީދަކީ އެ އަދަދު އިތުރުކުރުން ކަމަށެވެ. އެގޮތުން މިހާރުވެސް ރާއްޖޭގައި 22،000 ޓޫރިސްޓު އެނދު ހުޅުވިފައި އެބަހުރި ކަމަށާއި އަންނަ މަހުގެ 15ގައި ގެސްޓްހައުސްތައް ހުޅުވާލެވުމާއެކު އެ އަދަދު 25،000 އަށް އަރާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މި އެނދުތައް ފުރާލެވެންދެން ފަތުރުވެރިން ރާއްޖެ ގެންނަން،" މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ދުވަސް ނަގާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި ފަތުރުވެރިކަން ރަނގަޅުވާން ފަށާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި މިހާރުގެ އަމާޒަކީ އަންނަ އަހަރު ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ގެނައުން ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ 2021 ވަނަ އަހަރު ފެށިގެން މަހަކަށް ވުރެ މަހެއް ރަނގަޅުވަމުން ދާނެ ކަމަށް. އަޅުގަނޑުމެން މިހާރު މި އަންދާޒާކުރަނީ އެއް މިލިއަން ޓޫރިސްޓުން 2021 ވަނަ އަހަރު ގެނެވޭނެ ކަމަށް،" މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިމަހުގެ 14 ވަނަ ދުވަހު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ ނިޔަލަށް 402،089 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ 2019 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 65 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން އައިސްފައިވެއެވެ.

ކޮވިޑާ ގުޅިގެން ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުކޮށް އެއާލައިންގެ ދަތުރުތައް އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓާލި ނަމަވެސް ބައެއް ގައުމުތަކުގެ ބޯޑަރުތައް މިހާރު އަންނަނީ ހުޅުވަމުންނެވެ. އެގޮތުން ރާއްޖޭގެ ބޯޑަރު ޖުލައި 15ގައި ހުޅުވާލި ފަހުން ގިނަ ފްލައިޓްތަކެއްގެ ޝެޑިއުލް ދަތުރުތައް އަންނަނީ ފަށަމުންނެވެ.