ށ. ފޯކައިދޫ

ފޯކައިދޫ ރައްޔިތުންގެ 17 އަހަރުވީ ބަނދަރު އުންމީދު ހަގީގަތަކަށް، ރަށު ރައްޔިތުންނަށް އީދެއް!

އަލީ ޔާމިން

ށ. ފޯކައިދޫއަކީ އޮނޑިދޯނިފަހަރު ގިނަ މަސްވެރި ރަށެކެވެ. އާބާދީގައި 2،000 އެއްހާ މީހުން އުޅޭ ފޯކައިދޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށަށް ލަފައިފުރުމުގައި ހުރި ދަތިކަމެވެ. ރަށުގައި މިހާރު އޮތް ބަނދަރަކީ 2003 ވަނަ އަހަރު، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެރަށުގައި ތަރައްގީކުރި ބަނދަރެކެވެ. ނަމަވެސް އެ ބަނދަރު ތަރައްގީ ކުރިއިރު، އެކަން ކޮށްފައިވަނީ ރަށުގެ ރައްޔިތުންނަށް ބަނދަރުގެ ނަފާ އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ ގޮތަކަށް ނޫނެވެ. ދިގު މިނުގައި 650 ފޫޓު އަދި ފުޅާ މިނުގައި 190 ފޫޓު ހުންނަ އެ ބަނދަރަށް މާކަނޑުން އަންނަ ރާޅު ބާނިތައް އެއްވެސް ހިފެހެއްޓުމެއް ނެތި ވަންނައިރު، ބަނދަރު ތެރޭގައި އޮނޑިދޯނި ފަހަރަށް އެއްވެސް ރައްކާތެރިކަމެއް ނުލިބެއެވެ. އަހަރުގެ ނުވަ ވަރަކަށް މަސް ބަނދަރުގެ ބޭނުން އެއްވެސް ގޮތަކަށް ނުހިފެއެވެ. އެހެންކަމުން އެރަށުގެ އޮޑިދޯނި ފަހަރު އަހަރުގެ ގިނަ ދުވަސްތަކުގައި އަޅާފައި ހުންނަނީ ރަށުގެ އިރުމަތީ ފަރާތުގައެވެ.

ފޯކައިދޫ ރައްޔިތުން ބަނދަރަކަށް އެދި އާދޭސްކުރާތާ 17 އަހަރު ވީއެވެ. ފޯކައިދޫގެ ވެރިން އެރަށުގެ ބަނދަރުގެ ހާލަތު ސިޓީބިޓީއިންނާއި ލިޔެކިޔުންތަކުންނާއި އެތައް ބަންދަލުވުމެއްގައި ސަރުކާރުތަކުގެ ސަމާލުކަމަށް ގެނެސްފައި ވެއެވެ. ފަހުގެ ތާރީހެއްގައި ރާއްޖޭގެ ވަލީއުލްއަމުރުކަން ކުރެއްވި ހުރިހާ ބޭފުޅުން އެރަށަށް ޒިޔާރަޔްކޮށްފައިވާއިރު، އެރަށުގެ ބަނދަރުގެ ހާލަތު ވާނީ ގާތުން ފެނިފައެވެ. ކޮންމެ ފަހަރަކުވެސް ބަނދަރު ތަރައްގީކޮށްދޭނެ ކަމަށްބުނެ، ރައްޔިތުންގެ ލޮލުގައި ވެރިން އަޅުވަނީ އަނދުނެވެ.

ފޯކައިދޫ ރައްޔިތުން ބަނދަރަކަށް އެދި ދުށް ފޮނި ހުވަފެން ބިލާހަކަށްވާން ކައިރިވެފައިވަނިކޮށް، އެރަށު ރައްޔިތުންގެ ހިތްތަކަށް ތަސައްލީއެއް ލިބިގެން ދިޔައީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސް ވަރު އިބްރާހިމް މުހައްމަދު ސޯލިހު، އެރަށަށް ވަޑައިގެން އެރަށުގެ ބަނދަރު ތަރައްގީކުރައްވާނެ ކަމަށް ވައުދުވެވަޑައިގތުމާ އެކުއެވެ. ވެރިކަމަށް އިންތިހާބުވެވަޑައިގަތުމަށްފަހު ރައީސް ސޯލިހު ފޯކައިދޫއަށް ޒިޔާރަތް ކުރެއްވެވިއެވެ. އެއިރުވެސް ރައީސް ވިދާޅުވީ "ވަރަށް އަވަހަކަށް ފޯކައިދޫގެ ބަނދަރު ތަރައްގީ ކޮށްދެއްވާނެ" ކަމަށެވެ.

ރައީސްގެ ވައުދުފުޅާ އެއްގޮތަށް، ފޯކައިދޫއަށް އިއްޔެ ވަނީ، ބަނދަރުހަދަން ބޭނުންވާ ސާމާނާއެކު އެމްޓީސީސީގެ ޓީމެއް ގޮސްފައެވެ. ބާޖުތަކާއި އެކްސްކަވޭޓަރާއި، ހެވީ މެޝިނަރީޒްއާއެކު ފޯކައިދޫގެ ބަނދަރު ހެދުމަށް ދިޔަ އެމްޓީސީސީގެ ޓީމަށް އެރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެމްޓީސީސީގެ ޓީމު އެރަށަށް ދިއުމާއެކު އެ ޓީމުގެ އިސްތިގުބާލުގައި ނަލަހެދިލައިގެން ރަށުގެ ކުދިބޮޑު އެންމެން ބަނދަރު ސަރަހައްދަށް ޖަމާވިއެވެ. ހީވީ އީދެއް އައިސްގެން އުޅޭހެންނެވެ. ދިދަފަތިތަކުން މުޅި ބަނދަރު ސަރަހައްދު އޮތީ ޒީނަތްތެރިކޮށްފައެވެ.

ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެރަށުން އެމްޓީސީސީގެ ޓީމަށް ހޫނު މަރުހަބާއެއް ކީ، ރައްޔިތުން އެންމެ ބޭނުންވާ ކަންތައް ކޮށްދިނުމަށް އެމްޓީސީސީއިން ދިއުމުން ކަމަށެވެ. ރާޝިދު ވިދާޅުވީ އެއީ އެރަށުގެ މީހުންނަށް އައި އީދެއް ކަމަށާއި ރަށުގެ ރައްޔިތުން ތިބީ އެހާވެސް އުފަލުން ކަމަށެވެ. ބަނދަރު ހެދުމަށް ދިޔަ އެމްޓީސީސީގެ ޓީމަށް ފޯކައިދޫ ރައްޔިތުންވަނީ ސަގާފީ ކުޅިވަރުތަކުންނާއި މީރު ރަހަތަކުން ފުރިހަމަ މެހެމާންދާރީއެއް އަދާކޮށްފައެވެ.

"ފުރަތަމަ އެބޭފުޅުން އައުމާއެކު ވެދުމާ ދިޔައީ. ރަށުގެ ކުދިބޮޑު އެންމެން ކަހަލަގެ ގޮތަކަށް ބަނދަރަށް ޖަމާވެފަ ތިބީ. ރައްޔިތުން ތިބީ ވަރަށް އުފަލުން. އެއީ ބަނދަރު ހެދުމަކީ ރައްޔިތުންގެ އެންމެ ބޮޑު ހުވަފެން ކަމަށްވާތީ. އެހެންވެ، ރައްޔިތުން އަސްލު ބޭނުންވީ، އެމްޓީސީސީގެ ޓީމަށް ހޫނު މަރުހަބާއެއް ކިޔަން. އަޅުގަނޑުމެން މިކަމުގެ އުފަލުގައި ތިން ބަކަރިވެސް ކަތިލިން. އަދި ހަވީރު ގަޑީގައި، އަންހެންވެރިންގެ ސަގާފީ ނެށުމާއި އެއަށް ފަހު، ބޮނޑިބަތާއި ކުޅިމަހާވެސް ހެދި. އީދަކަށްވުރެވެސް އަޅުގަނޑުމެންނަށް އުފާވެރިކަން ގެނެސްދިން ދުވަހެއް އެއީ" ކައުންސިލްގެ ރައީސް ރާޝިދު ވިދާޅުވިއެވެ.

ފޯކައިދޫގައި މިހާރު އޮތް ބަނދަރުގެ ހާލަތު "ވަން" އަށް ކިޔައިދެމުން ރާޝިދު ވިދާޅުވީ، ބަނދަރުގެ ބޭރު ތޮށި ލައިފައިވަނީ ސިމެންތި ބަސްތާ ޖަހައިގެން ކަމަށާއި އެކަމުގެ ސަބަބުން ބަނދަރަށް ލިބެން ޖެހޭ ފުރިހަމަ ރައްކާތެރިކަން ނުލިބޭ ކަމަށެވެ. އަދި ކަނޑިންމައާ ދިމާއަށް ބަނދަރު އޮންނާތީ މާ ކަނޑުން ނަގާ ރާޅުތައް ހިފެހެއްޓުމެއް ނެތި ބަނދަރުގެ ތެރެއަށް ވަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބަނދަރު ތެރޭގައި އެއްވެސް އޮނޑިއަކަށް ނޯވެވޭ. އެއީ، ރާޅު ބާނިތަކާއި އޮއިވަރާއި މިނޫންވެސް ކަންކަން ހުންނަ ގޮތުން. އޮޑިދޯނި ފަހަރަށް ބަނދަރާއި ކައިރިކުރުން ވެފަ އޮންނަނީ އުނދަގޫ ކަމަކަށް. އެހެންކަމުން މިރަށުގެ ގިނަ އޮޑިދޯނި ފަހަރު އަޅާފައި ހުންނާނީ ރަށުގެ އިރުމަތީ ފަރާތުގައި. ދެން އޭގެން އެއްޗަކަށް އަރަންވެއްޖެއްޔާ ގިނަ ފަހަރު މިޖެހެނީ ބޮއްކުރާ ނޫނީ ޑިންގީއެއްގައި ދާން. މިރަށަކީ އޮޑިދޯނި ފަހަރު ގިނަ ރަށެއް. މިހާރުވެސް 12 ވަރަކަށް މަސްވެރި ދޯނި އެބައޮތް. މާލެ ދަތުރުކުރާވެސް ދެ ބޯޓު އެބައޮތް. ލޯންޗު ފަހަރާއި ޑިންގީތައްވެސް އެބައޮތް. މި ހުރިހާ އޮޑިދޯނިފަހަރަށްވެސް ބަނދަރެއް ނެތުމުން އެކަމުގެ ގެއްލުން ވަރަށް ބޮޑަށް ކުރޭ" ރާޝިދު ވިދާޅުވިއެވެ.

ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާއިރު، މިނިސްޓްރީ އޮފް ހައުސިން އިންފްރާސްޓެކްޗާ އެންޑް ޕްލޭނިންއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 29 ޑިސެމްބަރު 2019 ގައެވެ. ޖުމުލަ 55.97 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން 45،795 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 464 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެ އެވެ. އަދި 2320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި އާއި މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް ކުރާނެއެވެ.

ފޯކައިދޫ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ކުރެއްވި ޕޯސްޓް ---

ފޯކައިދޫ ބަނދަރުގެ މަސައްކަތް ކުރާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވަނީ، ފޯކައިދޫގެ ރައްޔިތުން އެމްޓީސީސީގެ ޓީމަށް ކީ ހޫނު މަރުހަބާއަށް ޝުކުރު ދަންނަވައިފައެވެ. އާޒިމް ވިދާޅުވީ، ކަނޑައެޅިފައިވާ ތާރީހަށް ބަނދަރު ނިންމަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. ފޯކައިދޫ ބަނދަރުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކުރި ތާރީހުން ފެށިގެން 500 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. ފޯކައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެއްކޮށް ނިމުމުން އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެއެވެ. ފޯކައިދޫގެ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާއިރު، އެރަށުގެ ރައްޔިތުން ތިބީ، ބަނދަރު ހެދެމުގެ މަޝްރޫއަށް އެމްޓީސީސީއަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ވެސް ދޭން ތައްޔާރަށެވެ.