މ. ފެއަރީކޯނަރ އަލީ ޝިފާން މަރާލުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ހައިކޯޓުން މަރުގެ ހުކުމް އިއްވާފައިވާ މާލެ ދަފްތަރު 2193 މުހައްމަދު ޝައިފަންގެ މައްސަލައިގެ އެންމެ ފަހު މަރުހަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފިއެވެ.

އެ މައްސަލައިގައި ޝައިފަންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ހުކުމް އިއްވިއެވެ. ނަމަވެސް އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ޝައިފަންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް ޝައިފަންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމް ކުރިއެވެ.

އެ މައްސަލަ މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށް ދަނީ ޝައިފަންގެ ފަރާތުން ސުޕްރީމް ކޯޓުގައި ހުށަހަޅާފައިވާ އިލްތިމާސްގެ މައްސަލަ އެކެވެ.

ޝައިފަންގެ މަރުގެ މައްސަލައަކީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ މައްސަލައަކަށްވާތީ މި މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނުގެ އިތުރުން އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުއެވެ.

އަލީ ޝިފާން މަރުވީ ވެސްޓްޕާކް ރެސްޓޯރަންޓު ކުރިމަތީގައި ހުއްޓައި ހަތަރު ސައިކަލެއްގައި ދިޔަ ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމާރިއާ ގުޅިގެންނެވެ. އެއީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ހަވީރު 4:40 ހާއިރު އެވެ.

މި މައްސަލައިގައި ދައުލަތުން 6 މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ، މ. ދިންމަނަ އަބްދުﷲ ތިލްމީޒު އާއި މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރު 2193 މުހައްމަދު ޝައިފަން އާއި މ. ސިލްވަނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީގެ އިތުރުން، ޅ. ކުރެންދޫ މާފަހި މުހައްމަދު އާސިފް އާއި ބ. ތުޅާދޫ ކާނިމާގޭ ރައްޒާން އަބްދުއްރަހްމާންގެ އިތުރުން މ. ނަލަހިޔާ މަންޒިން އަލީ ނަބީހުއެވެ.

ކްރިމިނަލް ކޯޓުން އެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ނިންމުމުން، ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލުމަށްފަހު، ދައުލަތުން ވަނީ ތިން މީހެއްގެ މައްސަލަ އިސްތިއުނާފު ކޮށްފައެވެ.

އެ ތިން މީހުންނަކީ، މ. ދިންމަނަ އަބްދުﷲ ތިލްމީޒު އާއި މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 2193 މުހައްމަދު ޝައިފަން ގެ އިތުރުން މ. ސިލްވަނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީއެވެ. ނަމަވެސް ޝިފާން މަރާލުމުގެ ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ހުކުމް ކޮށްފައި ބަނީ ހަމައެކަނި ޝައިފަންގެ މައްޗަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އުއްތަމަ ފަޑިޔާރު ވިދާޅުވީ 4 ދުވަހެއްގެ މަތިން މިކަމާބެހޭ ޝަރީއަތް ބޭއްވިފައިވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ސުވާލެއް ކުރަން ބޭނުންވެއްޖެ ނަމަ ޝަރީއަތުގެ އިތުރު އަޑުއެހުމެއް ބާއްވަވާނެ ކަމަށެވެ. އެހެންނޫންނަމަ ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުން ކަމަށްވެސް ވިދާޅުވިއެވެ.