ކޮންޓްރޯލް އަގުތަކަށްވުރެ ބޮޑު އަގުގައި ކާބޯތަކެތި ފޯރުކޮށްދިން ކަމަށްބުނެ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ނުބައި އަގެއް ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހިސާން ހަސަން ވިދާޅުވެއްޖެއެވެ.
އޮޑިޓް އޮފީހުން ނެރުނު އެންޑީއެމްއޭގެ އޮޑިޓް ރިޕޯޓާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޑީއެމްއޭގެ ސީއީއޯ ހިސާން ވިދާޅުވީ އަގު ކޮންޓްރޯލްކޮށްގެން ވިއްކާ ތަކެތީގެ ތެރެއިން ބޮޑު އަގުގައި ތަކެތި ގަނެ، ފެސިލިޓީތަކަށް ފޯރުކޮށްދީފައިވާ ކަމަށް ބުނެ 23،000 ރުފިޔާގެ މައްސަލައެއް ފާހަގަކޮށްފައިވީ ނަމަވެސް އެއީ ރަނގަޅު އަދަދެއް ނޫން ކަމަށެވެ.
"މިއީ 23،000 ރުފިޔާގެ މައްސަލައެއް ނޫން. މިކަން އޮޑިޓް ރިޕޯޓުގައި ފާހަގަކުރުމުގެ ކުރިން އެންޑީއެމްއޭއަށް މިކަން ފާހަގަކުރެވުމުން އެކަން ވާނީ އިސްލާހުކޮށްފައި. މީގައި މި ހިމެނެނީ 28،000 ރުފިޔާގެ މައްސަލައެއް. ތަކެތި އަގުބޮޑުކޮށް ގަނެވިގެން އެ ފައިސާ މި އޮޑިޓް ރިޕޯޓު ނެރުމުގެ މާކުރިން އެންޑީއެމްއޭއަށް ވަނީ ހޯދާފައި. އެހެންވީމާ މިއީ އޮޑިޓް ރިޕޯޓުގައި އޮންނަން ޖެހޭނެ ވާހަކައެއް ވެސް ނޫން. އޮޑިޓް ރިޕޯޓުގައި މިކަން ފާހަގަކޮށްފައި މިވަނީ ބަލަންވާ ވަރަށް މިކަން ނުބެލި، ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭގޮތަށް ކަން އަޅުގަނޑު ހިތާމައާއެކީ ފާހަގަކޮށްލަން،" އޭނާ ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ކެއުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ފެސިލިޓީތަކަށް ބޭނުންވާ ލިސްޓެއް އެންއީއޯސީގެ ތެރެއިން އެންޑީއެމްއޭގެ ބިޑް ކޮމިޓީން އެކުލަވާލައި، އެ ލިސްޓު އެކިއެކި ފަރާތްތަކަށް ފޮނުވައިގެން އެ ލިސްޓުތަކަށް އަގުތައް ހޯދަމުންދިޔަ ކަމަށާއި އަގުތައް ބަލާފައިވާނީ މުޅި ލިސްޓުގައި ޖުމުލަ ހުށަހަޅާފައިވާ އަގަށް ކަމަށެވެ.
"މިގޮތުން އެންމެ އަގުހެޔޮކޮށް މިކަން ކޮށްދެވޭނެ ފަރާތެއް ކަނޑައަޅާފައިވަނީ ބިޑް ކޮމިޓީގައި މަޝްވަރާކޮށް، ހުރިހާ ޗެލެންޖާސްތަކާއި މައްސަލަތައް ބިޑް ކޮމިޓީގެ ޔައުމިއްޔާގައި ފާހަގަކުރުމަށްފަހު. އަދި ފިނޭންސް މިނިސްޓްރީން ކޮވިޑް 19އާ ގުޅިގެން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރަށް ދީފައިވާ ލުއިތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮވިޑް 19 ފައިނޭންސް އޮތޮރައިޒޭޝަން ކޮމިޓީއަށް ހުށަހަޅައި، އެ ކޮމިޓީން ހުއްދަ ހޯދުމަށްފަހު، އެ ފެސިލިޓީތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ހަވާލުކުރެވިފައި." އޭނާ ވިދާޅުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު