ކުއްލި ޚަބަރު

ހިދުމަތް ނުހޯދާ ކޮޓަރިތަކަށް ފައިސާ ދައްކައިފައެއް ނުވާނެ: ހިސާން

އަލީ އަފާފް ރަމީޒު

ހިދުމަތް ނުހޯދާ ކޮޓަރިތަކަށް ފައިސާ ދައްކައިފައެއް ނުވާނެ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހިސާން ހަސަން ވިދާޅުވެއްޖެއެވެ.

ހިސާން މިގޮތަށް ވިދާޅުވެފައިމިވަނީ އިއްޔެ އޮޑިޓް އޮފީހުން އާންމުކުރި އެންޑީއެމްއޭގެ އޮޑިޓް ރިޕޯޓުގައި ހިދުމަތް ނުހޯދާ ބައެއް ކޮޓަރިތަކަށްވެސް ފައިސާ ދައްކާފައިވާ ކަމަށް ފާހަގަކޮށްފައިވާތީއެވެ.

އެންޑީއެމްއޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިސާން ވިދާޅުވީ 85 އަށްވުރެ ގިނަ ގެސްޓްހައުސްތަކުގައި 1777 މީހުން ބަލަހައްޓާފައިވާ އިރު، ގެސްޓްހައުސްތަކަށް މީހުން ކަނޑައަޅާފައިވަނީ އެޖެންސީތަކުން ކަމަށެވެ.

އެންޑީއެމްއޭ އިން އެތަންތަނަށް ޕޭމަންޓް ހަދަމުންދިޔައީ އެ ހިދުމަތް ހޯދާފައިވާ ލިސްޓުތަކާއި ގެސްޓް ހައުސްތަކުގެ އޮކިއުޕެންސީ އާއި އެތަންތަނުން ހިދުމަތް ހޯދާފައިވާ ލިސްޓުތައް ރަނގަޅަށް ކަށަވަރު ކުރުމަށް ފަހު ކަމަށްވެސް ހިސާން ވިދާޅުވިއެވެ.

"އޮޑިޓް ރިޕޯޓުގައި ހިދުމަތް ހޯދާފައިނުވާ ކޮޓަރިތަކަށް ޕޭކޮށްފައި ނުވަތަ ފައިސާ ދައްކާފައިވާކަން ފާހަގަކޮށްފައިވޭ. ބައެއް ފަރާތްތަކުން ހޮޓާތަކުގައި ކޮޓަރިތައް ހަމަޖައްސާފައިވީ ނަމަވެސް އެކޮޓަރިތަކުން އެހެން ކޮޓަރިތަކަށް މީހުން ބަދަލުވުމާއި، ވަރަށް ގިނަ ފަރާތްތަކުން ހާއްސަކޮށް ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރި އަންހެން ކުދިން، ދެބޭފުޅުން އެއް ކޮޓަރިއަކަށް ބަދަލުވުމާ މިކަހަލަ ކަންކަން ހިނގާފައި އެބަހުރި. އެހެން ނަމަވެސް އެމުއްދަތު ތެރޭގައި ނަގާފައި ހުރި ކޮޓަރިތަކަކީ ހިދުމަތަށް ބޭނުން ކުރުމަށް ނަގާފައިވާ ކޮޓަރިތަކެއް ކަމަށްވުމުން އެކޮޓަރިތަކަކީ ރަސްމީކޮށް ބޭނުންކުރާ ގޮތަށް ނިންމައި އެތަންތަނަށް ޕޭކުރުމުގެ ކަންކަން އެންޑީއެމްއޭއިން ދިޔައީ ކުރަމުން،" ހިސާން ވިދާޅުވިއެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން ޕްރަންޓްލައިންގައި މަސައްކަތްކުރި ފަރާތްތަކުގެ އެކޮމޮޑޭޝަން ހަމަޖައްސާފައިވަނީ ގެސްޓް ހައުސްތަކުގެ ބިލުތަކަށް އެންޑީއެމްއޭއިން ފައިސާ ދައްކާފައިވަނީ ގެސްޓް ހައުސްތަކުން ކުއްޔަށް ހިފާފައިވަނީ ކިތައް ކޮޓަރިކަމާއި، އެކޮޓަރިތައް ކުއްޔަށް ހިފާފައިވާ މުއްދަތާއި އެތަންތަނުގައި ތިބީ ކޮން ބައެއްކަން ކަށަވަރުނުކޮށް ކަމަށެވެ. އަދި މިގޮތަށް ހަމަޖައްސާފައިވާ ގެސްޓްހައުސްތަކުގައި ދައުލަތުގެ އެކި އިދާރާތަކާއި ދައުލަތުގެ ވިޔަފާރި ކުންފުނިތަކާއި ޖަމިއްޔާތަކުގެ މުވައްޒަފުން އެކި ދުވަސްވަރުގައި ތިބިކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ފްރަންޓްލައިންގައި މަސައްކަތްކުރި ބައެއް އިދާރާތަކުން މައުލޫމާތު ހޯދައިގެން އިތުރަށް ބެލި ބެލުމުން، ބައެއް ގެސްޓްހައުސްތަކުގެ ބޭނުން ނުކުރާ ކޮޓަރިތަކަށްވެސް ފައިސާ ދައްކާފައިވާ ކަމަށާއި އަދި ކޮޓަރި ބޭނުންކުރި މުއްދަތަށްވުރެ އިތުރަށް ފައިސާ ދައްކާފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް އެންޑީއެމްއޭ އިން އެކަށީގެންވާ ގޮތެއްގައި އޮކިއުޕެންސީ މައުލޫމާތު ބަލަހައްޓާފައި ނެތުމުގެ ސަބަބުން އިތުރަށް ދައްކާފައިވާ ފައިސާގެ ޖުމްލަ އަދަދު އެނގެން ނެތް ކަމަށް އޮޑިޓުގައިވެއެވެ.