ބޭންކް އޮފް މޯލްޑިވްސް

ރާއްޖޭން ބޭރުގައި ކާޑަކުން މަހަކަށް 750 ޑޮލަރުގެ ލިމިޓެއް ކަނޑައަޅައިފި

ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކާޑަކުން މަހެއްގެ މައްޗަށް 750 ޑޮލަރު ބޭނުންކުރެވޭނެ ގޮތް ހަމަޖައްސައިފި އެވެ.

ބީއެމްއެލުން މިއަދު ބުނީ، ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ވެސް ވަރަށް ބޮޑު ހީނަރުކަމެއް ކުރިމަތިވެފައިވާ އިރު ފަތުރުވެރިކަމުގެ ސިނާއަތުގެ ހަރަކާތްތަކަށް ހުރަސް އެޅި، ބޭރު ފައިސާ ލިބޭ މިންވަރު ވަރަށް ބޮޑަށް ދަށްވެ، ޑޮލަރުގެ ލިކިއުޑިޓީ އަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ޑޮލަރުގެ ލިކިއުޑިޓީ ދެމެހެއްޓުމަށްޓަކައި އިތުރު ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށް ބޭންކުން ބުންޏެވެ.

އެގޮތުން ރާއްޖޭން ބޭރަށް ދާ ޑޮލަރުގެ އަދަދު ހިފެހެއްޓުމަށާއި ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށާއި ރާއްޖޭން ބޭރުގައި ސިއްހީ ހިދުމަތާއި ތައުލީމު ހޯދުމަށް ދައްކަން ޖެހޭ ފައިސާއަށް އިސްކަންދިނުމުގެ ގޮތުން މިއަދުން ފެށިގެން ބީއެމްއެލުން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދެއްކަމުގައި 250 ޑޮލަރު ވަނީ ކަނޑައަޅައިފަ އެވެ.

އޭގެ އިތުރުން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން ބޭންކުން ވަނީ މަހެއްގެ މައްޗަށް 750 ޑޮލަރު ބޭނުންކުރެވޭނެ ގޮތް ހަމަޖައްސައިފަ އެވެ. އެ އަދަދުތައް ކަނޑައެޅިފައިވަނީ ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ކާޑުން ކުރާ ބޭރުގެ މުއާމަލާތްތަކަށެވެ. އަދި ބީއެމްއެލުން ދޫކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކަސްޓަމަރުންކުރާ މުއާމަލާތްތައް މިހާރެކޭ އެއްގޮތަށް ކުރެވޭނެ އެވެ.

ބީއެމްއެލުން ބުނީ، މިގޮތަށް ކާޑުން ކުރެވޭ މުއާމަލާތުގެ އަދަދު ދަށްކުރެވުނު ނަމަވެސް ބޭސްފަރުވާ އާއި ތައުލީމާ ގުޅުން ހުރި ކަންކަމުގައި ފައިސާދެއްކުމަށް ވަގުތީ ލިމިޓެއް ކަސްޓަމަރުންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތަށް ބޭނުންވާ ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކަމަކާ ގުޅުން ހުރި ލިޔުންތައް ބޭންކަށް ފޮނުވުމަށް ބޭންކުން އެދެ އެވެ.

"މި ބަދަލާ ގުޅިގެން ބޭންކުގެ 95 ޕަސެންޓް ކަސްޓަމަރުންނަށް އެކަމުގެ އަސަރެއް ނުކުރާނެ އެވެ. އަދި ހަމަ އެހެންމެ މިއީ މިވަގުތުގެ ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަން ޖެހުނު ވަގުތީ ފިޔަވަޅެކެވެ. ހާލަތު ބަދަލުވުމާއެކު ބޭންކުން މި ނިންމުން ރުޖޫއަ ކުރާނެ އެވެ،" ބީއެމްއެލުން ބުނެ އެވެ.

ގައުމީ ބޭންކުން އިތުރަށް ބުނީ، ޑޮލަރު ލިކިއުޑިޓީ އަކީ ދިމާވެފައިވާ ބޮޑު ގޮންޖެހުމަކަށްވާއިރު ބައިނަލްއަގްވާމީ އިދާރާތަކާ ގުޅިގެން ފަންޑިން ހޯދުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ގައުމީ ބޭންކުގެ ގޮތުގައި މިދަތި ހާލަތުގައި ވެސް ދިވެހި ރައްޔިތުންނަށް އެހީތެރިވުމުގައި ދެމިއޮންނާނެކަމަށް އެ ބޭންކުން ބުންޏެވެ.