ފޭސްބުކް

ފޭސްބުކް އެވަޓާ ފީޗާއާ އެކު، މުޅި ނިއުސް ފީޑު އަމިއްލަ ސިފަ ދައްކުވައިދޭ ކާޓޫނު ކެރެކްޓާއިން ފުރިފައި

އީމާ މުހައްމަދު ވަހީދު

އިއްޔެގެ އިރުއަރައިގެން އައީ ގިނަ ބަޔަކު ބޭނުންކުރާ މީސްމީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ ފޭސްބުކުން އަލަށް ތައާރަފުކުރި ފީޗާއެއްގެ އަވައިގައި އެންމެން ޖެހިގެންނެވެ.

ފޭސްބުކް އިން އަލަށް ތައާރަފުކުރީ ފޭސްބުކް އެވަޓާ ފީޗާއެވެ. މި ފީޗާގެ އެހީގައި އެމީހަކު ބޭނުން ގޮތަކަށް އެމީހެއްގެ "އެވަޓާ" ތައްޔާރު ކޮށްލެވެނޭއެވެ. އެގޮތުން އެވަޓާ ފީޗާ ބޭނުން ކޮށްގެން އަމިއްލަ އެވަޓާ ތައްޔާރުކުރާއިރު ހަންގަނޑުގެ ކުލަ ބޭނުން ކުލަޔަކަށް ބަދަލުވެސް ކޮށްލެވޭނެއެވެ. އިސްތަށިގަނޑުވެސް ބޭނުން ގޮތަކަށް ބެހެއްޓޭނެއެވެ. ފޭސްބުކް އެވަޓާ ފީޗާ ތައާރަފު ކުރުމާއެކު ދެތިން ގަޑިއިރު ތެރޭގައި އެ ފީޗާ ވަނީ ޓްރެންޑަކަށް ވެފައެވެ. އެގޮތުން އެތައް ބަޔަކު އަންނަނީ އެވަޓާ ފީޗާގެ އަޖުމަ ބަލަމުންނެވެ. މުޅި ނިއުސްފީޑްގައި އޮތީ އެވަޓާ ފީޗާ ބޭނުންކޮށްގެން އަމިއްލަ މީހާ ކުރަހާލާފައި ހުރި ފޮޓޯތަކޭ ބުނުމަކީވެސް މުޅިން ގޯސް ވާހަކައަކަށް ނުވާނެއެވެ.

ފޭސްބުކް އެވަޓާ ފީޗާ ފުރަތަމަ ތައާރަފުކުރީ ޔޫއެސް، އޮސްޓްރޭލިއާ ނިއުޒިލެންޑް ޔޫރަޕު އަދި ކެނެޑާއަށެވެ. އެހެންނަމަވެސް މިހާރު ވަނީ ދުނިޔޭގެ ބޮޑުބަޔަކަށް ބޭނުން ކުރެވޭ ގޮތަށް އެ ފީޗާ ތައާރަފު ކޮށްފައެވެ. އެވަޓާ ފީޗާއާއެކު ފޭސްބުކް ބޭނުންކުރާ ފަރާތްތަކަށް ދެން އަމިއްލަ ސިފަ ރަމުޒުކޮށްދޭ ކާޓޫން ކެރެކްޓާ ހަދައިގެން ފޭސްބުކްގައި ހިއްސާ ކުރެވޭނެއެވެ. އެގޮތުން މެސެޖު ކުރާއިރު އާއި ފޭސްބުކް ޕޯސްޓްތަކަށް ކޮމެންޓް ކުރާއިރުވެސް މި ކެރެކްޓާތައް ބޭނުން ކުރެވޭނެއެވެ.

ދިވެހިންގެ ތެރޭގައިވެސަ ވަނީ މި ފީޗާ ވަރަށް ބޮޑަށް ވައިގައި ހިފައިފައެވެ. އެގޮތުން ޒުވާނުން ހިމެނޭ ގޮތަށް ގިނަ ބަޔަކު އަންނަނީ ފޭސްބުކް އެވަޓާ ފީޗާ ބޭނުންކުރަމުންނެވެ.