މެޓަވާސް އުފައްދަން ކުރަމުންދިޔަ ބޮޑެތި ހޭދަތައް މަޑުޖައްސާލުމަށްފަހު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް އިންވެސްޓުކުރަން މެޓާ ކުންފުނިން ނިންމައިފިއެވެ. މި ބަދަލު ގެނެސްފައިވަނީ މެޓަވާސް ތަރައްޤީކުރާ "ރިއަލިޓީ ލެބްސް" ޑިވިޝަނަށް 2020 ވަނަ އަހަރުން ފެށިގެން 80 ބިލިއަން ޑޮލަރުގެ ގެއްލުން ވުމާ ގުޅިގެންނެވެ.
މި ސްޓްރެޓީޖިކް ބަދަލުގެ ދަށުން، 2026 ވަނަ އަހަރު މެޓަވާސްއަށް ކަނޑައަޅާފައިވާ ބަޖެޓުގެ 30 އިންސައްތަ ކުޑަކުރުމަށް ވަނީ ނިންމައިފައެވެ. އަދި ކުރިއަށް އޮތް ޖޫން މަހުގެ 15 އިން ފެށިގެން ކުއެސްޓް ހެޑްސެޓްތަކުން "ހޮރައިޒަން ވޯލްޑްސް" އެއްކޮށް ނަގައި، އެއީ ހަމައެކަނި މޯބައިލް އެޕްލިކޭޝަނެއްގެ ގޮތުގައި ބާއްވަން މެޓާއިން ވަނީ އިއުލާނުކޮށްފައެވެ. މީގެ އިތުރުން، ހަރަދު ކުޑަކުރުމުގެ ގޮތުން ރިއަލިޓީ ލެބްސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 1،500 މީހަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
މާލީ ތަޖުރިބާކާރުން ވަނީ މެޓާގެ މި ނިންމުމަށް މަރުހަބާ ކިޔައިފައެވެ. އެފަރާތްތަކުން ފާހަގަކުރާ ގޮތުގައި މިއީ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި، ފައިދާ ނުވާ ދާއިރާތަކަށް ކުރާ ހޭދަ ކުޑަކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މެޓާގެ ސީއީއޯ މާކް ޒަކަބާގް އާއި ސީއެފްއޯ ސޫޒަން ލީ ވިދާޅުވީ، ކުންފުނީގެ ދުރު ރާސްތާގެ އަމާޒަކީ އޭއައި އިންފްރާސްޓްރަކްޗަރ އަދި ރޭ-ބޭން ސްމާޓް އައިނު ފަދަ އޭއައި ޓެކްނޮލޮޖީ އެކުލެވޭ އުފެއްދުންތައް ތަރައްގީކުރުން ކަމަށެވެ.
މެޓަވާސްއަށް ކުރި ހޭދައިން ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އޭއައިއަށް ކުރާ އިންވެސްޓްމަންޓްތައް މެޓާން އަންނަނީ ހަލުވިކަމާއެކު އިތުރުކުރަމުންނެވެ. އެގޮތުން، "ސުޕަރއިންޓެލިޖެންސް ލެބްސް" ގެ ނަމުގައި އާ ގޮތްޕެއް އުފައްދައި، 2026 ވަނަ އަހަރު އޭއައި ތަރައްގީކުރުމަށް 115 ބިލިއަނާއި 135 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ. މިއީ 2021 ވަނަ އަހަރު ފޭސްބުކްގެ ނަން މެޓާއަށް ބަދަލުކޮށް، މެޓަވާސްއަކީ މުސްތަގުބަލު ކަމުގައި ކަނޑައަޅައިގެން ކުރި އުންމީދުތައް ދޫކޮށްލުމަށްފަހު ގެނައި އެންމެ ބޮޑު އެއް ބަދަލެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ