ފޭސްބުކްގެ މައި ކުންފުނި، މެޓާގެ ރިއަލިޓީ ލެބް ޑިވިޝަނުން 1،000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކޮށް، އެ ކުންފުނީގެ ސިޔާސަތަށް ބޮޑު ބަދަލެއް ގެނެސްފިއެވެ. މިއީ 2026 ވަނަ އަހަރު އެ ކުންފުނިން ހިންގި އެންމެ ބޮޑު "ލޭއޮފް" ނުވަތަ މުވައްޒަފުން ވަކިކުރުމުގެ ހަރަކާތެވެ.
ބްލޫމްބާގުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބަދަލާއެކު ރިއަލިޓީ ލެބްސްގެ ޖުމުލަ މުވައްޒަފުންގެ 10 އިންސައްތަ ވަނީ މަދުކޮށްފައެވެ. ގާތްގަނޑަކަށް 15،000 މުވައްޒަފުން މަސައްކަތްކުރާ މި ޑިވިޝަނުން މުވައްޒަފުން ވަކިކުރަން ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެންނެވެ. މިކަން މުވައްޒަފުންނަށް އަންގާފައިވަނީ ކުންފުނީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު އެންޑްރޫ ބޮސްވޯތު ފޮނުވި މެމޯއެއް މެދުވެރިކޮށެވެ.
މުވައްޒަފުން ވަކިކުރި ސަބަބު
މެޓާއިން ބުނި ގޮތުގައި މި ނިންމުމަކީ މެޓަވާރްސްއަށް ކުރާ އިންވެސްޓްމަންޓްތަކުގެ ތެރެއިން ބައެއް، "ވެއަރަބަލް" ނުވަތަ ހަށިގަނޑުގައި އަޅައިގެން ބޭނުންކުރާ އޭއައި ވަސީލަތްތަކަށް ބަދަލުކުރުމަށް ނިންމި ނިންމުމުގެ ބައެކެވެ. ކުންފުނީގެ ތަރުޖަމާނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މުވައްޒަފުން މަދުކުރުމުން ސަލާމަތްވާ ފައިސާ މިއަހަރުގެ ތެރޭގައި އޭއައި ވަސީލަތްތައް ކުރިއެރުވުމަށް އިންވެސްޓް ކުރާނެ އެވެ.
ރިއަލިޓީ ލެބްސްއަކީ ވަރޗުއަލް ރިއަލިޓީ އަދި އޮގްމެންޓެޑް ރިއަލިޓީ ގެ ޒަމާނީ ވަސީލަތްތައް އުފެއްދުމަށް މެޓާއިން ހާއްސަކޮށްފައިވާ ބައެކެވެ. ނަމަވެސް، 2021 ވަނަ އަހަރުން ފެށިގެން މިހާތަނަށް މި ޑިވިޝަނަށް 70 ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ވެފައިވާކަން ރިޕޯޓުތައް ބުނެއެވެ.
މެޓަވާރްސްއަށް ވާނީ ކިހިނެއް؟
މެޓަވާރްސްގެ މަސައްކަތްތައް މުޅީން ހުއްޓައިނުލި ނަމަވެސް، ދެން އެންމެ ބޮޑު އިސްކަމެއް ދޭނީ މޯބައިލް ފޯނުތަކަށް އަމާޒުކޮށްގެން މި ހިދުމަތް ފުޅާކުރުމަށް ކަމަށް ރިޕޯޓްތަކުގައި ވެއެވެ. މި ބަދަލުގެ ދަށުން މެޓާގެ ދަށުން ހިންގާ ތިން ގޭމް ސްޓޫޑިއޯއެއް ކަމަށްވާ އާމަޗަރ، ސަންޒާރު، އަދި ޓްވިސްޓަޑް ޕިކްސެލް ވަނީ ބަންދުކޮށްފައެވެ.
މުވައްޒަފުންގެ ކަންބޮޑުވުން
މި ނިންމުމާއެކު ވަޒީފާ ގެއްލުނު ގިނަ އަދަދެއްގެ އިންޖިނިއަރުންނާއި، ޑިޒައިނަރުން އަދި މެނޭޖަރުން އަންނަނީ ލިންކްޑްއިން ފަދަ ޕްލެޓްފޯމްތަކުގައި "Open To Work" ހޭޝްޓެގް ބޭނުންކޮށް ވަޒީފާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ވަޒީފާ ގެއްލުނު މުވައްޒަފުންގެ ތެރޭގައި ކުންފުންޏާ ގުޅުނުތާ އަހަރެއް ނުވާ މުވައްޒަފުންވެސް ހިމެނެއެވެ.
ވަޒީފާ ގެއްލުނު ސަންޒާރު ގޭމްސްގެ ރައިޓަރަކު ބުނީ، މިއީ އެއްގޮތަކަށްވެސް އުންމީދު ކުރި ގޮތް ނޫން ކަމަށާއި، މި ބަދަލުގެ ސަބަބުން ވީއާރް ގޭމްތަކުގެ ދާއިރާއަށް ބޮޑު އުނިކަމެއް އަންނާނެ ކަމަށެވެ. މެޓާގެ މި ނިންމުމަކީ ޓެކްނޮލޮޖީގެ ދާއިރާއަށް އަންނަ ބޮޑެތި ބަދަލުތަކުގެ ތެރެއިން، އާޓިފިޝަލް އިންޓެލިޖެންސަށް ކުންފުނިތަކުން ދޭ އަހައްމިއްޔަތު އިތުރުވަމުން އަންނަކަމުގެ ހެއްކެކެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ