ރިޕޯޓް

އެތައްހާސް ބިދޭސީންނެއް މަގުމަތިވެ ސަލާން ޖަހަނީ، ނުރައްކަލުގެ ރަނގަބީލެއް!

އަހުމަދު ސާއިލް އަލީ

މާލޭގެ އިރުމަތީ ފަރާތުގައި ހުންނަ ކެފޭ އަދި ރެސްޓޯރެންޓްތަކަށް ދާ މީހުންނަށް މިއީ އާ ކަމަކަށް ނުވާނެ އެވެ. އެ ސަރަހައްދުގައި ޒުވާން ބިދޭސީއަކު ފައިސާއަށް އެދި ރޮއެ އާދޭސް ކުރަން ހުންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެ ސަރަހައްދުގެ ރެސްޓޯރެންޓަކުން ނުކުންނަ އެންމެން ގާތުގައި އެ ބިދޭސީ ޒުވާނާ ފައިސާއަށް އެދި އާދޭސް ކުރެ އެވެ. ރޮމުން އޭނާ ކިޔައިދެނީ ކާއެއްޗެއް ކެވޭނެ އެއްވެސް ގޮތެއްވެސް ނެތް ވާހަކަ އެވެ.

"ކުރީގައި އައިލެންޑް[ލަފާ ކުރެވެނީ ހަދަމުން އަންނަ ރިސޯޓެއް ކަމަށް] މަސައްކަތް ކުރަނީ. މިހާރު ސިކްސް މަންތު ވަނީ އެއްވެސް މަސައްކަތެއް ނުލިބޭ. އެއްވެސް ލާރި ނުލިބޭ. ކާން ލާރި ނެތީ. ގެސްޓް ހައުސްއަށް ލާރި ނެތީ،" އެ ބިދޭސީ މީހާ ރޮމުން ކިޔައިދިނެވެ.

އޭޓީއެމް ތަކާއި މިސްކިތްތަކާއި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ކައިރީގައި ސަލާން ޖަހަން ދިވެހިން ތިބުމަކީ މިފަހަށް އައިސް އާއްމު ކަމެކެވެ. ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން މާލޭގައި ސަލާން ޖަހަން ކުރީން އުޅުނު ނަމަވެސް މިފަހަކަށް އައިސް ގިނައިން ފެންނަނީ ކުށުގެ ވެށީގައި އުޅޭ ކަމަށް ތުހުމަތު ކުރެވޭ ދިވެހީންނެވެ. ފެރީ ޓިކެޓެއް ގަންނަން ނުވަތަ ބޭހެއް ނަގަން ނޫނީ ބަނޑުހައިވެގެން ފައިސާއަށް އާދޭސް ކުރުމަކީ މިހާރު އާއްމުކޮށް ހިނގާ ކަމެކެވެ. ނަމަވެސް މިފަހަކާ ޖެހެންދެން އެކަމުގައި މުޅިން ހެން އުޅުނީ ދިވެހިންނެވެ. މިހާރު ފުޅާ ދާއިރާއެއްގައި ބިދޭސީން މި ކަމުގައި އުޅޭތައް ފެންނަން ފަށާފައި މި ވަނީ ކޮވިޑުގެ ފަހުންނެވެ.

އުފެދޭ ސުވާލަކީ މަސައްކަތް ކުރެވޭ އުމުރުގެ ދިވެހިން ސަލާން ޖަހަން ތިބޭހެން ބިދޭސީން ވެސް ކަމެއް ނުކޮށް އެ ގޮތް އިހުތިޔާރު ކުރަން ފެށީތޯ އެވެ؟ ބިދޭސީންގެ މައްސަލައަކީ ރާއްޖެއަށް މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައަކަށް ވާއިރު ބިދޭސީންގެ ފަރާތުން މިފަދަ ކަމެއް ފެންނަ ނަމަ މިއީ އަނެއްކާ އިޖުތިމާއީ އެހެން މައްސަލަތަކެއްގެ ފެށުން ކަމަށް ވެދާނެ އެވެ.

"މަސައްކަތް ނެތީމަ ކިހިނެއް ލާރި ލިބެނީ؟ މަސައްކަތް ހޯދަ ދެނީމަ މިގޮތަށް ލާރި ހޯދަން ނުބުނަނީ؟" ފުރުގާން މިސްކިތް ކައިރީ ސަލާން ޖަހަން ހުރި ބަންގްލަދޭޝްގެ ޒުވާނެއް ކައިރީ ސަލާން ޖަހަނީ ކީއްވެގެންތޯ ސުވާލު ކުރުމުން ބުންޏެވެ.

ސަލާން ޖަހަން ތިބޭ ބިދޭސީންނާ ވާހަކަ ދައްކާލުމުން އެނގުނީ ކޮވިޑް-19 އާއެކު ކުރިމަތިވި މާލީ ދަތިތަކުގެ ސަބަބުން އެ މީހުންނަށް މިހާރު ކުރާނެ މަސައްކަތެއް ނުލިބޭ ކަމެވެ. އޭގެ ތެރެއިން ގިނަ ބިދޭސީންނަކީ ދުވަހު މަސައްކަތް ކޮށް އާމްދަނީ ހޯދަމުން އައި މީހުންނެވެ. އެ މީހުން މަސައްކަތް ކުރާ ވަކި ކުންފުންޏެއް ނެތެވެ. ވިސާއެއް، ޕާސްޕޯޓެއް ފަދަ ރަސްމީ ލިޔެކިޔުންތަކެއް ވެސް ނެތެވެ. ކޮންމެ މަހަކު މުސާރައެއް ލިބުމުގެ ބަދަލުގައި އެ މީހުން އާމްދަނީ ހޯދަމުން ދިޔައީ އެ ދުވަހަކު ކުރާ މަސައްކަތުންނެވެ. ކެއިންބުއިމަށާއި ޒަރޫރީ އެހެން ބޭނުންތަކަށް ފައިސާ ހޯދަމުން އައީ އެ ގޮތަށެވެ. މިހާރު އެފަދަ މަސައްކަތްތައް މަދުވުމުން އެ މީހުންނަށް ފައިސާ ލިބޭނެ ކޮޅުތައް ބަންދުވީ އެވެ. އެއާއެކު އެއްބައި ބިދޭސީން ހިޔާރު ކޮށްފައިވަނީ ވެހިކަލް ފޮހުން ފަދަ މަސައްކަތްތަކެވެ. އެވަރުގެ މަސައްކަތެއް ވެސް ނުލިބޭ އެހެން ބިދޭސީން އުޅެނީ ސަލާން ޖެހުމުގަ އެވެ.

"ކުދިކުދި ކަންކަމަށް އާއްމުކޮށް އަހަރެމެން ބިދޭސީން ހޯދަނީ ޒިކުރާ މިސްކިތް ކައިރިން. އެތާ އަބަދުވެސް ތިބޭނެ މަސައްކަތް ހޯދާ ބިދޭސީންގެ ގުރޫޕުތައް. މިހާރު އެތަނަށް ދޭބަލަ. އެނގޭނެ ހާލަތު ހުރި ގޮތް. މަސައްކަތެކޭ ބުނާއިރަށް ބިދޭސީން އަރައި ގަންނާނެ. ދެން މީގެ ކުރިން އެ މީހުން އާންމުކޮށް ކުރާ ކަމެއް ނޫން އަގު ދަށް ކުރުމަކީ. އެކަމަކު މަސައްކަތް ބޭނުން ވެފައި ތިބޭ ވަރުން މިހާރު ހަމަ އަގު ދަށްކޮށް އެކަކު އަނެކަކާ ޒުވާބުކޮށްވެސް ހަދާ. އެ ހާލުގަ އެމީހުން ތިބީ،" ބިދޭސީން ސަލާން ޖަހާ ވާހަކަ ދެއްކުމުން ދިވެހި ޒުވާން ވިޔަފާރިވެރިއަކު އޭނާގެ ތަޖުރިބާ ހިއްސާ ކުރަމުން ބުންޏެވެ.

ބޮޑު ނުރައްކަލެއްގެ ފެށުން ބާ؟

ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން 179،954 ބިދޭސީން އުޅޭއިރު ރަޖިސްޓަރީ ނުކުރާ 66،000 ބިދޭސީން އުޅޭ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެހެންކަމުން ފަސް ލައްކައެއްހާ މީހުންގެ އާބާދީ އޮންނަ ރާއްޖޭގައި 250،000 އެއްހާ ބިދޭސީން އެބަ އުޅެ އެވެ. އެއީ ރާއްޖޭގެ އާބާދީގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ވެސް އިތުރެވެ. ރާއްޖޭގެ ފަސް ލައްކަ އެއްހާ އާބާދީގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނެވެ. ބިދޭސީންނަށް ބަލާއިރު އޭގެ ތެރެއިން އެންމެންނަކީ ވެސް ގައި ބާރު ހުރި މަސައްކަތް ކުރާ އުމުރުގެ މީހުންނެވެ.

ކޮވިޑް-19އާ ގުޅިގެންނާއި އޭގެ ކުރިން ވެސް ބިދޭސީން ލައްވައި މަސައްކަތްކޮށް އުޖޫރަ ނުދޭތާ ގިނަ ދުވަސްވީ މައްސަލަތައް ފެންމަތިވި އެވެ. އެކަމުގެ ސަބަބުން ބ. ބޮޑުފިނޮޅާއި ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ހަދަމުން އަންނަ ފްލެޓްތަކުގައި މަސައްކަތް ކުރާ ބިދޭސީން ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައިފަ އެވެ. އެ ހަމަނުޖެހުންތަކުގައި ދިވެހިން ރަހީނު ކުރުމާއި ސަލާމަތީ ބާރުތަކާ ކުރިމަތިލުން ފަދަ ޖިނާއީ ބޮޑެތި ކުށްތައް ވެސް ކޮށްފައިވެ އެވެ.

މަސައްކަތެއް ނެތި ނުވަތަ މުސާރަ ނުލިބި ބިދޭސީން މަގުމަތި ވާން ވެއްޖެނަމަ އެއީ ދިވެހި ދައުލަތަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ. ބިދޭސީންގެ އާބާދީ ރާއްޖޭގައި އެހާ ބޮޑުވުމާއި އޭގެ ތެރެއިން އެތައް ހާސް ބަޔަކު ގަވައިދާ ހިލާފަށް އުޅޭއިރު އެ މީހުން މަގުމަތި ވެއްޖެ ނަމަ އެކަން ކޮންޓްރޯލުން ނެއްޓި، އިޖުތިމާއީ އެތައް މައްސަލައެއް ކުރިމަތިވުމުގެ ފުރުސަތު ވެސް ބޮޑެވެ. އެހެންކަމުން މިއީ ކަމާބެހޭ ފަރާތަކުން ކުރިއާލައި ވިސްނައި ފިޔަވަޅު އަޅަން ޖެހޭ ކަމެކެވެ.

ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ ސަލާން ޖަހާ ބިދޭސީންގެ ކަންކަން ބަލަހައްޓަމުން ގެންދާނީ އިކޮނޮމިކް މިނިސްޓްރީން ކަމަށެވެ. އިކޮނޮމިކް މިނިސްޓްރީގެ ކަމާބެހޭ ބޭފުޅަކު ފޯނަށް ޖަވާބު ނުދެއްވާތީ އެ މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. އެހެންކަމުން މި މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައިސްފައިވޭތޯ ނުވަތަ އެކަމާ މެދު ފިޔަވަޅެއް އަޅަމުންދާ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެ އެވެ.

ބިދޭސީންގެ މައްސަލާގައި ރާއްޖޭން މިހާތަނަށް ހެދިފައިވާ އެންމެ ބޮޑު ގޯހަކީ މާ ފަހުން ފިޔަވަޅު އެޅުމެވެ. ކަންކަން ބޮއްސުން ލުމުން އެކަން ހައްލު ކުރަން އުޅުމެވެ. އެހެން ކަމުން މިކަމުގައި ކުރިއާލައި ފިޔަވަޅު އަޅަން ޖެހެ އެވެ. ބިދޭސީން އެގޮތަށް ސަލާން ޖަހަން ޖެހޭ ސަބަބު ހޯދަން ޖެހެ އެވެ. އެކަންކަން ކުރިއާލައި ހައްލު ނުކުރެވިއްޖެ ނަމަ ފަހުން ވެދާނެ ގެއްލުން މާ ބޮޑުވާނެ ތީ އެވެ.