ހުޅުމާލެ ދެވެނަ ފިޔަވަހީގައި ތިން ސްކޫލެއް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ވަނީ، ކޮންޓްރެކްޓަރު ފައިނޭންސްގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ހުޅުމާލެ ފޭސް ދޭއްގައި ސްކޫލްތައް އިމާރާތް ކުރުމަށް ބީލަމަށް ހުޅުވާލާ ކަމަށެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުން އެ ތިން ޕްރޮޖެކްޓުގެ ތެރެއިން ކޮންމެ ޕްރޮޖެކްޓެއްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 850،000 ރުފިޔާ (ނުވަތަ އެއާ އެއްވަރުގެ އަދަދެއް އެމެރިކާ ޑޮލަރުން) ދައްކަން ޖެހެ އެވެ. އެ ފައިސާ ދައްކަން ޖެހޭނީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހުގެ ތެރޭގަ އެވެ. އަދި މަސައްކަތަށް ޝަރުތު ހަމަވާ ބަޔަކު ހޯދުމުގެ ކަންތައް ކުރިއަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުގެ މަތިން ކަމަށް ބުނެފައިވެ އެވެ.
ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 1500 ރުފިޔާ ނުވަތަ 100 އެމެރިކާ ޑޮލަރުގެ ނަން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ މަހުގެ 19 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް، ބަނޑޭރި ޕޭ މެދުވެރިކޮށެވެ.
އިއުލާނުގައި ބުނާ ގޮތުން، އެ ޕްރޮޖެކްޓުތަކަށް ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 20 ވަނަ ދުވަހު އެވެ. އަދި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ މިމަހުގެ 29 ވަނަ ދުވަހުގެ ކުރިން އީމެއިލްކޮށް އެކަން ހުށަހަޅަންޖެހެ އެވެ.
ދެވަނަ ފިޔަވަހީގައި ގްރޭޑް 1-12 އާ ހަމައަށް ކިޔަވައިދޭ 14 ސްކޫލެއް އަޅާނެ ބިން އެޗްޑީސީން ކަނޑައަޅާފައިވެ އެވެ. އަދި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އަޅާ ފުރަތަމަ ސްކޫލުގެ މަސައްކަތް އެންމެ ލަސްވެގެން މި އަހަރު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް