ބައެއް ރަށްރަށުގައި ސާމްޕަލް ނަގަން މީހުން ދެކޮޅު ހަދާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ސާމްޕަލް ނަގަން ބައެއް މީހުން ދެކޮޅު ހަދާ ކަމަށެވެ.
"ބައެއް ފަހަރު އެކްޓިވް ސަަވައިލަންސަށް އަޅުގަނޑުމެން ސާމްޕަލް ނަގަން އުޅޭއިރުގައި، ހާއްސަކޮށް ރަށްރަށުން ސާމްޕަލް ނަގަން އުޅޭއިރުގައި ބައެއް ބޭފުޅުން އެބަ ދެކޮޅު ހައްދަވާ. ބައެއް ބޭފުޅުންނަށް ހީވަނީ ކަންނޭނގެ މިރަށުގައި ބައްޔެއް ނޫޅެއޭ އެހެންވީމާ ތިމަންނަ ކީއްވެހޭ ޓެސްޓު ކުރަންވީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ބައެއް މީހުން ސާމްޕަލް ނަގަން ދެކޮޅު ހަދަނީ ބިރުން ކަމަށާއި އަނެއްބައި މީހުން އެމީހުންގެ ތުއްތު ދަރިންގެ ސާމްޕަލް ނަގަން ދެކޮޅު ހަދާ ކަމަށެވެ. ސާމްޕަލް ނެގުމަކީ ސިއްހީ ގޮތުން އެއްވެސް ގެއްލުމެއް އޮތް ކަމެއް ނޫން ކަމަށާއި ބަލި ޖެހިފައިވާކަންވެސް ނުވަތަ ނޫންކަންވެސް އެނގޭނީ ސާމްޕަލް ނެގުމުން ކަމަށެވެ. އެހެންކަމުން ސާމްޕަލް ނަގަން ދެކޮޅު ހެދުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
"މިއަދުވެސް އަޅުގަނޑުމެންނަށް ދިމާވި ސާމްޕަލް ނަގަން ދެކޮޅު ހެދި މައްސަލަތަކެއް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ ކުރިން ސާމަޕްލް ނެގުމަށް ދެކޮޅު ހެދުމުގެ މައްސަލަތައް އެންމެ ބޮޑަށް ފެންމަތިވެފައިވަނީ އުމުރުން ދުވަސްވީ މީހުންގެ ފަރާތުންނެވެ. ނަމަވެސް ޑރ. ނަޒްލާ މިރޭ ވިދާޅުވިގޮތުގައި، މިހާރު އެފަދަ މައްސަލައެއް ކުރިމައްޗެއް ނުވެއެވެ.
ސާމްޕަލް ނެގުމަށް ދެކޮޅު ހަދާ މީހުންނާ މެދު ފިޔަވަޅު އެޅޭނެ އުސޫލެއްވެސް އޮވެއެވެ. އަދި އެ އުސޫލުގެ ދަށުން މީގެ ކުރިން ވަނީ ބައެއް މީހުންނަށް ފިޔަވަޅުވެސް އަޅައިފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު