ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 210 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 210 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 7536 އަށް އަރާފައިވާ ކަމަށެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 70 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 48 ދިވެއްސަކާއި 22 ބިދޭސީންނެވެ.

މި ކޭސްތަކާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 9243 އަށް އަރައިފައެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 834 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 105 މީހަކު އެބަ ތިއްބެވެ.

މިދިޔަ މަހުން ފެށިގެން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 100 އަށްވުރެ ގިނަ ކޮވިޑް ކޭސް ފެނުނު ނަމަވެސް މިދިޔަ ހަފުތާގައި ކޭސްތަކުގެ އަދަދު އުޅުނީ 100 އިން ދަށުގައެވެ. އަނެއްކާވެސް އިއްޔެ ކޭސްތަކުގެ އަދަދު 100 އިން މައްޗަށް އެރުމަށްފަހު، މިއަދު މިވަނީ ކޭސްތަކުގެ އަދަދު ދަށްވެފައެވެ. އިއްޔެ ކޮވިޑަށް ޕޮޒިޓިވްވީ 121 މީހެކެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 33 މީހަކު ވަނީ މަރުވެފައެވެ. އެއީ 27 ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.