ރ. ދުވާފަރު ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި ޕްލޭނިން މިނިސްޓްރީން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެގޮތުން އެމްޓީސީސީއާ މި މަޝްރޫއު ހަވާލު ކުރުމުގެ އެއްބަސްވުމުގައި ޕްލޭނިންގް މިނިސޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއި ކޮށްފައިވަނީ ސީއީއޯ އާދަމް އާޒިމް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
ދުވާފަރު ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ފައިމަގުގައި ހިނގޭނެ ގޮތަށް 4960 ސްކޮޔާ މީޓަރު ސަރަހައްދެއް އަދި މަގުގައި ދުއްވޭ ގޮތަށް 17790 ސްކޮޔާ މީޓަރު ސަރަހައްދެއް ހަދާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. މީގެ އިތުރުން ކޭބަލް ހޮޅި ވަޅުލުމުގެ މަސައްކަތާއި، މަގުމަތީގައި ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫއުއަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މި މަޝްރޫއު ނިންމަން ކަނޑައަޅާފައިވަނީ 300 ދުވަހުގެ ތެރޭގައި ކަމަށްވެސް އެ ކުންފުނީން ބުނެއެވެ.
ދުވާފަރު ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސް ކޮށްފައިވަނީ އެމްޓީސީސީންނެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ