ހައިމާކަކާއި، ގިނަ އަދަދެއްގެ ހެވީ ލޯޑް ސާމާނާއެކު ކޮޅުވެއްޓިއެއް ފަރަށް އެރުމުގެ ސަބަބުން އެމްއެންޑީއެފް ގޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެ ކޮޅުވެއްޓި ފަރަށް އެރިއިރު އޭގައި މީހުން ތިބި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ. އެއީ ތިން ދިވެހިންނާއި ހަތަރު ބިދޭސީން ކަމަށް ވެސް ބުނެފައި ވެއެވެ.

އެމްއެންޑީއެފުން ބުނީ، ފަރަށް އަރާފައި ވަނީ، މާލޭން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދިޔަ 140 ފޫޓުގެ ހެވީ ސްޓާރ ނަމަކަށް ކިޔާ ކޮޅުވެއްޓިއެއް ކަމަށާއި އެއަށް ދިޔަވަމުން ދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. މި ކޮޅުވެއްޓި އަރާފައި ވަނީ ށ. ނަރުދޫ ފަރަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެ ކޮޅުވެއްޓި ފަރަށް އަރައި ދިޔަވަމުން ދާކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 1:15 ހާއިރު ކަމަށެވެ.