ދިވެހި ރައްޔިތުން އެދެނީ ފްލެޓަކަށް ނޫން ކަމަށާއި، އެންމެ ކުޑަކޮށް ވެސް 2000 އަކަފޫޓުގެ ބިމަކަށް، ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ތިލަފުށީގައި ގެ އަޅުއްވައިގެން، ރޭ ނިދިކުރެއްވުމުގެ ކުރިން ކުރެއްވި ޓުވީޓެއްގައި ޖާބިރު ވިދާޅުވީ، ދިވެހިންނަށް ބިން ދިނުމުން އެމީހުން ބޯހިޔާވަހިކަން ހޯދާނެ ކަމަށެވެ.

އަބަދު އަވާމެންދުރު ނުދެއްކުމަށް ވެސް ޖާބިރު އެދިވަޑައިގެންފައި ވެއެވެ.

ތިލަފުށީގައި އޮތް އަމިއްލަ ބިމުގައި އަމިއްލައަށް އެޅުއްވި ގެއެއްގައި ކަމަށް ވިދާޅު ވެ، ވީޑިއޯއަކާ އެކު ކުރެއްވި ޓުވީޓެއްގައި ޖާބިރު ވިދާޅުވެފައިވަނީ، ކޮވިޑް 19 ގެ މިދުވަސްވަރު އެކި ތަންތަނުގައި، އެކި ގޮތްގޮތަށް އުޅުއްވުމަށް ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ.

"އޭގެ ތެރެއިން ހާއްސަކޮށް ތިލަފުށީގައި މިރޭ ހަމަ މިވަގުތުން މިވަގުތަށް އަޅުގަނޑުގެ ބިމުގައި، ބިންކޮޅެއް ލިބުނީމަ ވާ އުފަލަކީ މިގޮތަށް ރީތި ގެއެއް އަޅައިގެން ހާފު ވޯޓާގައި ހާފް ލޭންޑުގައި ހަމަ މިރޭ އަޅުގަނޑު އެޅި ގެއެއްގައި މިރޭ މި ނިދަނީ ވަރަށް ސިމްޕަލް އެކަމަކު ވަރަށް ކޮންފަޓަބްލް އަޅުގަނޑު އުއްމީދު ކުރަނީ ދިވެހި ރައްޔިތުންނަށް ބިންކޮޅެއް ލިބިއްޖެ ކަމަށް ވަންޏާ، އެންމެނަށްވެސް މުނާސަބުކޮށް، އުފާވެރިކޮށް އަޅުގަނޑުމެންވެސް މިއުޅޭހާ އުފަލުގައި ސިމްޕަލްކޮށް އުޅެވޭނެ ކަމަށް،" ކަމަށެވެ.