އެވިޑް ކޮލެޖުން ގދ. ތިނަދޫގައި އިމާރާތްކުރި އެ ކޮލެޖުގެ ކެމްޕަސް ހުޅުވައިފިއެވެ.
އެވިޑް ކޮލެޖުން ގދ. ތިނަދޫގައި އިމާރާތްތައް ކުއްޔަށް ހިފައިގެން ތަފާތު ލެވެލްތަކުގައި ތަފާތު ދާއިރާތަކުން ފުޅާ ދާއިރާއެއްގައި ކޯސްތައް ހިންގާތާ ވަނީ އަހަރުތަކެއް ވެފައެވެ. ނަމަވެސް އެރަށުގައި އެވިޑް ކޮލެޖުގެ އަމިއްލަ ބިމެއްގައި އެ ކޮލެޖުގެ ކެމްޕަހެއް ހުޅުވި މިއީ ފުރަތަމަ ފަހަރެވެ.
އެވިޑް ކޮލެޖުން ގދ. ތިނަދޫގައި ގާއިމުކުރި ކެމްޕަސް ހުޅުވާފައިވަނީ އެ ކޮލެޖުގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިނަދޫ ފުޓުބޯޅަ ދަނޑުގައި ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައެވެ. ކެމްޕަސް ހުޅުވައިދެއްވީ، އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދާއި ގދ. ތިނަދޫގެ އެކިއެކި މުއައްސަސާތަކުގެ ވެރިންނާއި ކަމުވޮށިގެންވާ އިއްޒަތްތެރިންނެވެ.
އެވިޑް ކޮލެޖް ތިނަދޫ ކެމްޕަސް ހުޅުވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން ކޮލެޖުގެ ބާނީ މުސްތާގު ވިދާޅުވީ، ތިނަދޫގައި އެވިޑް ކޮލެޖްގެ ކެމްޕަސް ގާއިމުކުރަން ބޭނުންވީ އޭނާގެ ބައްޕާފުޅު ތައުލީމަށްޓަކައި ހުވަދު އަތޮޅަށް ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅު ދެމެހެއްޓެވުމުގެ ގޮތުން ކަމަށެވެ. އަދި ތައުލީމީ، އަހުލާގީ ދަރިންތަކެއް ތިނަދޫގައި އުފެދި އެދަރިންގެ ހިދުމަތް ތިނަދުއަށް ދާއިމީކޮށް ލިބިގެންދިއުމަކީ އަބަދުވެސް ބޭނުންވާ ގޮތް ކަމުގައިވާތީ ކަމަށްވެސް ވިދާޅުވިއެވެ.
އެވިޑް ކޮލެޖުގެ ކުރިމަގާ މެދު ވާހަކަދައްކަވަމުން މުސްތާގު ވިދާޅުވީ، އެވިޑް ކޮލެޖު ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ ވިސްނުން އެބަހުރި ކަމަށާއި ޔުނިވާސިޓީގެ މައި ކެމްޕަސް ގާއިމުކުރާނީ ތިނަދޫގައި ކަމަށެވެ.
އެވިޑް ކޮލެޖުގެ އަމިއްލަ ކެމްޕަހެއް ތިނަދޫގައި ހުޅުވިގެންދިއުމަކީ ނުހަނު ފަހުރުވެރިވާ ކަމެއް ކަމަށާއި އަދި އެއީ ތިނަދޫއަށާއި ތިނަދޫގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ރަސްމިއްޔާތުގައި ބައިވެރިވި ބޭފުޅުން ވިދާޅުވިއެވެ.
ފެށުނީއްސުރެ ތިނަދޫއަކީ ތައުލީމީ ކަންކަމަށް މުޅި ރާއްޖެއަށްވެސް މަޝްހޫރު ރަށެކެވެ. އެވިޑް ކޮލެޖްގެ ބާނީ އަބްދުﷲ މުސްތާގު ރަޝާދަކީ ތިނަދުއަށް އުފަން ބޭފުޅެކެވެ.
ރޭގެ ރަސްމިއްޔާތުގައި އެވިޑު ކޮލެޖުގެ ތިނަދޫ ކެމްޕަސް ހުޅުވުމަށް އެހީތެރިވި އެންމެހާ ފަރާތްތަކަށް ހަނދާނީ ލިޔުން ވަނީ ދީފައެވެ. ހަނދާނީ ލިޔުންތައް ހަވާލުކޮށްދެއްވީ، އެވިޑް ކޮލެޖްގެ ޗެއާމަން މުސްތާގެވެ.
އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި މަތީ ތައުލީމުގެ ހިދުމަތް އަތްފޯރާ ފަދަ އަގެއްގައި ދެމުންގެންދާ އަމިއްލަ އެންމެ ބޮޑު އެއް ކޮލެޖެވެ. މިހާރުވެސް ދެހާހަށްވުރެ ގިނަ ދަރިވަރުން ކޯސްތަކުގައި އެވިޑް ކޮލެޖުން ކިޔަވަމުން ގެންދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު