ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 271 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 271 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 7326 އަށް އަރާފައިވާ ކަމަށެވެ.
އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 121 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 75 ދިވެއްސަކާއި 46 ބިދޭސީންނެވެ.
މި ކޭސްތަކާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 9173 އަށް އަރައިފައެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 1087 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 113 މީހަކު އެބަ ތިއްބެވެ.
މިދިޔަ މަހުން ފެށިގެން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 100 އަށްވުރެ ގިނަ ކޮވިޑް ކޭސް ފެނިފައިވެއެވެ. ނަމަވެސް މިދިޔަ ހަފުތާގައި ކޭސްތަކުގެ އަދަދު އުޅުނީ 100 އިން ދަށުގައެވެ. އެގޮތުން އާދީއްތަ ދުވަހު ފެނިފައިވަނީ 98 ކޭސްއެވެ. ހޯމަ ދުވަހު 83 ކޭސް، އަންގާރަ ދުވަހު 74 ކޭސް، ބުދަ ދުވަހު 93 ކޭސް، ބުރާސްފަތި ދުވަހު 66 ކޭސް، ހުކުރު ދުވަހު 90 ކޭސް އަދި އިއްޔެ ފެނިފައިވަނީ 62 ކޭސްއެވެ. ހަފުތާއަކަށްފަހު އަނެއްކާވެސް މިއަދު މިވަނީ ކޭސްތަކުގެ އަދަދު 100 އިން މައްޗަށް އަރައިފައެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 32 މީހަކު ވަނީ މަރުވެފައެވެ. އެއީ 26 ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު