މަސްތުވާތަކެތީގެ މައްސަލައިގައި، މ. ގުލްޝަން އަހުމަދު ލަތީފް އުމުރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމަށް ބަދަލު ނުގެނައުމަށް، ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ސުޕްރީމް ކޯޓުން މިއަދު ތާއީދު ކޮށްފިއެވެ.
އަހުމަދު ލަތީފްގެ ފަރާތުން ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު އޮތީ ހުކުމް އިއްވުމެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ބެންޗުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ތިއްބެވިއެވެ.
މައްސަލައިގެ ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަހުމަދު ލަތީފް ލައިގެން ހުރި ފަޓުލޫނުގެ ޖީބުން ފުލުހުން ހޯދި މަސްތުވާ ތަކެއްޗަކީ އޭނާގެ އެއްޗެއް ނޫންކަން ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ. މަސްދުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ކުށް ސާބިތު ކުރަން ޖެހޭ މާނަވީ ރުކުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށްވެސް ވިދާޅުވިއެވެ.
ކްރިމިނަަލް ކޯޓާއި ހައިކޯޓުގައި އެކަމުގެ ޝަރީއަތް ހިނގި އިރު ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އަހުމަދު ލަތީފްގެ އެއްވެސް ހައްގަކަށް އުނިކަމެއް އައިސްފައިވާ ކަމަށް ބެލެވޭނެ ތަނެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެމަރުހަލާތަކުގައި ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ ރަނގަޅަށް ކަން އެ ޝަރީއަތްތައް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގޭ ކަމަށްވެސް ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އަހުމަދު ލަތީފްގެ ފަރާތުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ހަތަރު ނުކުތާ ބަލައި ނުގަންނަ ކަމަށެވެ.
އެ މައްސަލަ ބެލި ބެލުމުން، "ތަހުލީލީ ރިޕޯޓާއި، އަހުމަދު ލަތީގުގެ އިއުތިރާފުންނާއި ހެކިންގެ ހެކިބަހުންނާއި، ގުޅިފައިވާ ގަރީނާތަކުގެ މައްޗަށް ރިއާޔަތްކޮށް، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުން އަހުމަދު ލަތީފު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އުމުރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތްކަމަށްބުނެ ހައިކޯޓުން ކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި، ތިން ފަނޑިޔާރުންގެ އިއްތިފާގުން ތާއީދު ކޮށްފިން،" ކަމަށް އުއްތަމަ ފަނޑިޔާރު ހުކުމް އިއްވެވިއެވެ.
ސުޕްރީމް ކޯޓް