ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައެޅުމުގެ އާ އުސޫލުގެ ސަބަބުން އެއްވެސް ޕްރިންސިޕަލެއްގެ ހައްގަކަށް އުނިކަމެއް ނާންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ސަރުކާރުގެ ސްކޫލުތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސްކޫލުތަކަށް އެންމެ އެކަށީގެންވާ ގާބިލު ޕްރިންސިޕަލުން އައްޔަންކުރުމާއި ދިގު މުއްދަތަކަށް އެއް ސްކޫލެއްގައި ޕްރިންސިޕަލުން ތިބުމުން ދިމާވާ ނޭދެވޭ ބައެއް މައްސަލަތަކަށް ހައްލު ހޯދުމުގެ މަގުސަދުގައި ސިވިލް ސަވިސް ކޮމިޝަނުން އެކުލަވާލާފައިވާ އެ އުސޫލު އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެ އުސޫލުގައި އެންމެ ބޮޑަށް ފާހަގަކުރެވިފައި ވަނީ ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން ހުރެވޭނީ ވިދިވިދިގެން އަށް އަހަރު ކަމަށް ހަމަޖައްސާފައި އޮތުމާއި ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލު ކަނޑައެޅުމުގެ ބާރު އެޑިއުކޭޝަން މިނިސްޓަރުގެ ލަފާގެ މަތިން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ހިމެނޭގޮތަށް އެކުލަވާލާ ފަސް މެންބަރުންގެ ދާއިމީ ކޮމިޓީއަކަށް ދީފައި އޮތުމެވެ.

އުސޫލުގައި ހުރި ބައެއް ކަންކަމާ ގުޅިގެން ބައެއް ޕްރިންސިޕަލުންގެ ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ. އެގޮތުން ޕްރިންސިޕަލެއްގެ ޓެނުއާޝިޕް ހަމަވުމުން އެހެން ސްކޫލެއްގެ ވަޒީފާއަށް ކުރިމަތި ނުލިޔަސް އެހެން ސްކޫލަކަށް ބަދަލުކުރުމަކީ ހަމައެއް ނޫން ކަމަށާއި ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލުގެ ބާރު ކޮމިޓީއަކަށް ދީފައި އޮތުމުން އެކަމުގައި ޒާތީ އަދި ސިޔާސީ ކުލަ ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ޕްރިންސިޕަލުން ބުނެ އެވެ.

މިކަންކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ އުސޫލަށް އަމަލުކުރަން ފެށުމުން އެޑިއުކޭޝަން ސިސްޓަމަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ތަފާތު ކުރުމެއްނެތި ސްކޫލްތަކުގައި ފޯރުކޮށްދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަށް ފުރުސަަތު ލިބިގެންދިއުމާއި ސިސްޓަމްގައި ތިބި ހިންގުންތެރި ގާބިލު ޕްރިންސިޕަލުންގެ ހިދުމަތް ގިނަ ސްކޫލްތަކަށް ލިބި އެ ސްކޫލްތައް ވެސް އިތުރަށް ތަރައްގީވުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް ބުންޏެވެ.

އޭގެ އިތުރުން އެއް ރަށެއް ނުވަތަ ސަރަހައްދެއްގައި ކިޔަވައިގެން އައިސް ސްކޫލް ހިންގުމުގެ ދާއިރާއިން ޕްރިންސިޕަލެއްގެ ގޮތުގައި ރަށަށް ނުވަތަ އަތޮޅަށް ހިދުމަތްކުރުމުގެ ފުރުސަަތު ނުލިބި ތިބި ޕްރިންސިޕަލުންނަށް އެފަދަ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

"މި އުސޫލުގެ ސަބަބުން އެއްވެސް ޕްރިންސިޕަލެއްގެ ހައްގަކަށް އުނިކަމެއް ނާންނާނެކަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަށަވަރުކުރާނެ އެވެ،" އެ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އާ އުސޫލަށް އަމަލުކުރަން ފެށި ނަމަވެސް މިހާރު ތިބި ޕްރިންސިޕަލުން މަގާމުގައި ދެމި ތިބޭނެ ކަމަށާއި މިނިސްޓްރީން މި އުސޫލާ އެއްގޮތަށް މަސައްކަތްކުރާ ސްކޫލް ކަނޑައަޅައި ހަތަރު އަހަރުގެ ޓެނުއާ ހަވާލުކުރާ ތާރީހުން ފެށިގެން އެ ސްކޫލެއްގައި ދެމި ތިބޭނެ ކަމަށެވެ. އަދި މި އުސޫލުން އެއްވެސް ޕްރިންސިޕަލެއްގެ ނުރުހުމުގައި އެއްވެސް ތަނަކަށް ބަދަލު ނުކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އުސޫލުގެ ދަށުން ޓެނުއާ ފަށާނީ އެޑިއުކޭޝަން މިނިސްޓްރީން ލިޔުމުން އެކަން ކަނޑައަޅައި ހަވާލުކުރާ ތާރީހުން ފެށިގެންނެވެ. އެގޮތުން ފުރަތަމަ ހަތަރު އަހަރުގެ ޓެނުއާ ނިމި، އިތުރު ހަތަރު އަހަރަށް އެ ސްކޫލުގައި ހުންނަން ބޭނުން ނަމަ، އެކަމަށް އެދި ހުށަހެޅޭނެ އެވެ. ނުވަތަ ޝައުގުވެރިވާ އެހެން ސްކޫލަކަށް ބަދަލުވާން ބޭނުންވާ ނަމަ އެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ. ނަމަވެސް ވިދިވިދިގެން އަށް އަހަރު އެއް ސްކޫލެއްގައި ހަމަކުރުމަށްފަހު، އެހެން ސްކޫލަކަށް ހިދުމަތް ކުރުމަށް ބަދަލުވާންޖެހޭނެ އެވެ.