ޕޮޒިޓިވް ކޭސްތައް މަދުވުމަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާކުޑަކުރަން ޖެހޭ ސަބަބެއް ނޫން ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ ކޭސްތައް ކޮންމެވެސް މިންވަރަކަށް މަދުވަމުންދާ ކަމަށާއި ނަމަވެސް އެއީ އަޅާފައިވާ ފިޔަވަޅުތަކަށް ފަރުވާ ކުޑަކުރަންވީ ސަބަބެއް ނޫން ކަމަށެވެ.

"ފެންނަމުންދާ ކޭސްތައް ކޮންމެވެސް މިންވަރަކަށް މަދުވެގެން ދިއުމުގެ މާނައަކީ އަދި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ފަރުވާ ކުޑަކުރަންވީ ސަބަބެއް ނޫން." ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ އަދިވެސް މާލޭ ސަރަހައްދުގައި ބަލި އެބައޮތް ކަަމަށާއި ބަލި ފެތުރޭ މިންވަރު ވެސް އުޅޭނީ މަތީގައި ކަމަށެވެ. އެހެންކަމުން ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށާއި ޕާޓީތަކާއި އާއިލީ އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެއްވުންތައް ބާއްވާ ހާލަތަކަށް އަދި ނުދާ ކަމަށާއި މިހާރު ފަރުވާ ކުޑަކޮށްފިނަމަ އަނެއްކާވެސް ކޭސްތައް އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"ކޮންމެވެސް ވަރަކަށް މަދުވެގެންދިޔައީ ހަމަ ތިބޭފުޅުން (ރައްޔިތުން) ތިދެއްވާ އެއްބާރުލުންތަކާއެކު. އަޅުގަނޑުމެންގެ (އެޗްޕީއޭގެ) ގައިޑްލައިންތަކާ އެއްގޮތަށް، ދަތި ނަމަވެސް އެގޮތަށް އަމަލު ކުރަމުންދާތީވެ،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ރައްޔިތުންގެ އެއްބާރުލުން މިހާރު ލިބޭ ގޮތަށް ލިބޭނަމަ ކުރިއަށް އޮތް ދުވަސްތަކުގައި ކޭސްތަކުގެ އަދަދު މަދު ކުރެވިގެންދާނެ ކަމަށެވެ. އަދި މިކަންކަމާ މެދު ފަރުވާ ކުޑަ ނުކުރުމަށާއި ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށް ވިދާޅުވިއެވެ.

މިދިޔަ ހަފުތާއިން ފެށިގެން ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ 100 އަށްވުރެ ދަށްވެފައެވެ. ނަމަވެސް ކޮވިޑްގެ އަދަދުތައް އަދިވެސް ހުރީ ވަރަށް މަތީގައެވެ.

މި މަހު ފަހުކޮޅުގައި ކޮވިޑް ކޭސްތައް ފެންނަ މިންވަރު މަދުވާނެ ކަމަށް މީގެ ކުރިން ނަޒްލާ ވަނީ ވިދާޅުވެފައެވެ. އަދި އަންނަ މަހު ފަހުކޮޅު ކޮވިޑް ކޭސްތައް ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.