ނ. މަނަދޫން ކޮވިޑަށް ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ 11 މީހަކު މިހާރު ކަރަންޓީނު ކޮށްފިއެވެ.
މަނަދޫން ހޯމް ކަރަންޓީނުގައި ހުރި މީހަކު ދޫކޮށްލުމަށް ހެދި ޓެސްޓުން އިއްޔެ އޭނާ ވަނީ ޕޮޒިޓިވްވެފައެވެ. އޭނާގެ ނަތީޖާ ހަވާލު ބެލި އިރު، އޭނާ ހުރީ ދޯންޏެއްގައި މަހަށް ނުކުމެއެވެ. އޭނާ ވަނީ ހުކުރު ނަމާދަށާއި އަދިވެސް ރަށުގެ ގިނަ ތަންތަނަށް ގޮސްފައެވެ.
މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އިސްމާއިލް ޝަފީގް "ވަން" އަށް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވި މީހާއާ ގުޅިގެން ހަދަންޖެހޭ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އެމީހާ ޑައިރެކްޓް ކޮންޓެކްޓްވި 26 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ.
އޭގެ ތެރެއިން 11 މީހަކު ކަރަންޓީން ކުރެވިފައިވާ ކަމަށާއި 15 މީހަކު އެކި ގޮތަށް މައުލޫމާތު ދީފައިވާތީ، އެމީހުން ކަރަންޓީން ކުރަން ނިންމާފައިވާ ނުވާ ކަމަށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ހުރިހާ ނަމެއް ފޮނުވާފައިވާ ކަމަށާއި ކަރަންޓީން ކުރަންޖެހޭ މީހުން ފައިނަލް ކުރާނީ އެތަނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"11 މީހަކު މިހާރު ވަނީ ކަރަންޓީން ކުރެވިފައި. 15 މީހަކު މައުލޫމާތު ދިނުމުގައި އެކި ފަހަރު އެކި ގޮތަށް މައުލޫމާތު ދޭތީ އެޗްޕީއޭއަށް ނަންތައް ފޮނުވާފައިވާނީ. އެމީހުންވެސް ކަރަންޓީން ކުރަންޖެހޭނަމަ އެޗްޕީއޭއިން ނިންމާނެ،" ޝަފީގު ވިދާޅުވިއެވެ.
ޝަފީގު ވިދާޅުވީ ޑައިރެކްޓް ކޮންޓެކްޓުވި 26 މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިފައިނުވާ ކަމަށެވެ.
މަނަދޫން ޕޮޒިޓިވްވި މީހާ ބޭރުގައި އުޅުމުގެ ސަބަބުން ވަނީ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު ވެސް މަނަދޫ މޮނީޓަރިންގެ ހާލަތަށް ގެނައެވެ. އެއީ އެރަށުން ޕޮޒިޓިވްވި އުމުރުން 80 އަހަރުގެ އަންހެނަކާ ކޮންޓެކްޓުވި ބަޔަކު ޕޮޒިޓިވް ވެގެންނެވެ.
މަނަދޫގެ އިތުރުން ގދ. ހޯނޑެއްދު އާއި އެރަށާ ގުޅިފައިވާ މަޑަވެލި ވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު