މާލޭގައި މިއަދު ބޭއްވި ސައިކަލް ބުރުގައި ބައިވެރިވި 41 މީހަކު ހައްޔަރުކޮށް، ސައިކަލްތަކެއް ޓޯ ކޮށްފިއެވެ.
ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ އިރު، އާންމު ތަންތަނުގައި އެއްފަހަރާ ގިނަ މީހުން އެއްނުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ އެންގުމާ ހިލާފަށް އެއްވާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.
އެގޮތުން މިއަދު ހަވީރު ބޭއްވި ސައިކަލް ބުރު ފެށުމުގެ ކުރިންވެސް ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުކޮށްފައެވެ. އަދި ބައެއް މީހުންގެ ސައިކަލްތައްވެސް ފުލުހުން ވަނީ ޓޯ ކޮށްގެން ގެންގޮސްފައެވެ.
ފުލުހުން ބުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ގޮތަށް އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް އެއްވުމާ ގުޅިގެން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ރައްޔިތުންގެ ސަމާލަތާއި ރައްކާތެރިކަން އިސްކޮށް، އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މިއަދުގެ ސައިކަލު ބުރަކީ "ގައުމު ވިއްކާލުމާ ދެކޮޅަށް" ނަމުގައި އިދިކޮޅު ބާއްވާ ސައިކަލް ބުރެއް ނޫން ކަމަށް އެ ޕާޓީތަކުން ބުނެފައިވީ ނަމަވެސް މި ސައިކަލް ބުރަކީ ދެ ޕާޓީއަށް ތާއީދުކުރާ ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދިޔަ ސައިކަލު ބުރެކެވެ. އަދި އެ ދެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވަނީ މިއަދުގެ ސައިކަލް ބުރުގައި ބައިވެރިވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އަދި ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހިމެނިވަޑައިގަންނަވައެވެ.
މިއަދުގެ ސައިކަލް ބުރުގެ ތެރެއިން ބައެއް ޒުވާނުން ހައްޔަރުކޮށްފައިވަނީ ސޯސަންމަގު ކައިރިންނެވެ. އަދި ބައެއް މީހުން ހީނާމާގެ ކައިރިންވެސް ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ކިންގް ސަލްމާން މިސްކިތް ކައިރިންވެސް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.
މިއަދު އެއްވުން ރޫޅާލަން ފުލުހުން ވަނީ ޕެޕާ ސްޕްރޭވެސް ޖަހައިފައެވެ. ފުލުހުން ޕެޕާ ސްޕްރޭ ބޭނުންކޮށްފައިވަނީ ހީނާމާގެ ޕާކިން ސަރަހައްދުންނެވެ.
އިދިިކޮޅު ކޯލިޝަންގެ ޒުވާނުން ވަނީ މިިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ހަވީރު ވެސް ސައިކަލު ބުރެއް ބާއްވައިފައެވެ. އެ ސައިކަލު ބުރުގައި އެޗްޕީއޭގެ ގައިޑުލައިނާ ހިލާފަށް އަމަލުކޮށްފައިވާތީ އިދިކޮޅު ކޯލިޝަންގެ އިސްވެރިން ވަނީ ޖޫރިމަނާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު