ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 286 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 286 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 6846 އަށް އަރާފައިވާ ކަމަށެވެ. މިއީ އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ބަލިން ފަސޭހަވީ ދުވަހެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 90 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 58 ދިވެއްސަކާއި 32 ބިދޭސީންނެވެ.

މި ކޭސްތަކާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 8990 އަށް އަރައިފައެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 951 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 120 މީހަކު އެބަ ތިއްބެވެ.

މިދިޔަ މަހުން ފެށިގެން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 100 އަށްވުރެ ގިނަ ކޮވިޑް ކޭސް ފެނިފައިވެ އެވެ. ނަމަވެސް މިދިޔަ ފަސް ދުވަހު އަދަދު އުޅެނީ 100 އިން ދަށުގައެވެ. އެގޮތުން އާދީއްތަ ދުވަހު ފެނިފައިވަނީ 98 ކޭސްއެވެ. ހޯމަ ދުވަހު 83 ކޭސް، އަންގާރަ ދުވަހު 74 ކޭސް، ބުދަ ދުވަހު 93 ކޭސް އަދި އިއްޔެ ފެނިފައިވަނީ 66 ކޭސް އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 31 މީހަކު ވަނީ މަރުވެފައެވެ. އެއީ 25 ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.