މިދިޔަ 24 ގަޑިއިރު ތެރޭ 99 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 8990 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެއްސަކާއި 32 ބިދޭސީން ކަމަށެވެ.
މިދިޔަ މަހުން ފެށިގެން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 100 އަށްވުރެ ގިނަ ކޮވިޑް ކޭސް ފެނިފައިވެ އެވެ. ނަމަވެސް މިދިޔަ ފަސް ދުވަހު އަދަދު އުޅެނީ 100 އިން ދަށުގައެވެ. އެގޮތުން އާދީއްތަ ދުވަހު ފެނިފައިވަނީ 98 ކޭސްއެވެ. ހޯމަ ދުވަހު 83 ކޭސް، އަންގާރަ ދުވަހު 74 ކޭސް، ބުދަ ދުވަހު 93 ކޭސް އަދި އިއްޔެ ފެނިފައިވަނީ 66 ކޭސް އެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 286 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 6846 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 2107 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 951 މީހަކު އެބަ ތިއްބެވެ. އަދި ހޮސްޕިޓަލުތަކުގައި 120 މީހަކު އެބަ ތިއްބެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 31 މީހަކު ވަނީ މަރުވެފައެވެ. އެއީ 25 ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު