ރާއްޖޭގެ ހާލަތު ދުވަހަކަށް ވުރެ ދުވަހެއް ދަށްވަމުން އަންނަ ކަމަށާއި ރާއްޖެ ވެއްޓެމުންދާ އަނދަވަޅުން އަރައިގަންނަންޖެހޭ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ޖޫރިމަނާ ކޮށްފައިވާތީ އެ ފައިސާ ހޯދުމަށް "ހައްގު ފޮށީ"ގެ ނަމުގައި ފަންޑު ފޮއްޓެއް ހުޅުވުމަށް މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ، ގައުމެއްގެ ވެރިކަމަށް މީހަކު އަންނަނީ ވަރަށް ބޮޑެތި ވައުދުތަކެއް ރައްޔިތުންނަށްވެ، މެނިފެސްޓޯއަކާއެކުގައި ކަމަށެވެ.
ނަމަވެސް އެ މެނިފެސްޓޯ ތަންފީޒު ނުކުރެވޭ މީހަކާ ގައުމުގެ ވެރިކަން ހަވާލުކުރުމުން ރައްޔިތުންނަށް މާލީ ގޮތުންނާއި އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ގެއްލުންތަކެއްވާ ކަމަށް ވިދާޅުވި އެވެ. އަދި ޕްރޮގްރެސިވް ކޯލިޝަންގެ އަމާޒަކީ ރާއްޖޭގެ ވެރިކަމަށް އައިސް ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ މިހާރުގެ ހާލަތަށް އިޝާރާތްކުރައްވާ ރައީސް ވަހީދު ވިދާޅުވީ، ރާއްޖޭގެ ހާލަތު ދުވަހަށްވުރެ ދުވަހެއް ދަށްވަމުންދާ ކަމަށާއި ރާއްޖޭގެ ހާލަތު ރަނގަޅުކޮށް ނަގަހައްޓަންޖެހޭ ކަމަށެވެ. އަދި އެކަމަށްޓަކައި ކުރަންޖެހޭ ގިނަ ކަންކަން ޕްރޮގްރެސިވް ކޯލިޝަނުން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
"ރާއްޖެ މިހާރު މިދަނީ ދުވަހަކަށްވުރެ ދުވަހެއް އަޑިއަށް. ރާއްޖޭގެ ހާލަތު މިދަނީ ދަށްވަމުން. އެހެންވީމާ މިކަމުން އަރައިގަންނަން އެބަޖެހޭ. އެކަން ހުއްޓުވަން އެބަޖެހޭ. ރާއްޖެ ސްލައިޑްވެގެން މިދާ ދިއުން އެބަޖެހޭ ހިފަހައްޓާ ނަގަހައްޓަން އަޅުގަނޑުމެން. އެކަމަށްޓަކައި ކުރަންޖެހޭ ގިނަ ގުނަ މަސައްކަތްތައްވަނީ ފެށިފައި. ކޮންމެ ހަފްތާއަކު ކޮންމެ ދުވަހަކު ޕީޕީއެމްގެ އޮފީހުގެ ތެރޭގައި ހަރަކާތްތައް ކުރިއަށްދާ މަންޒަރު އެބަ ފެނޭ،" ރައީސް ވަހީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުގައި ރައްޔިތުންގެ ހިއްސާ ބޮޑުވާން ޖެހެ އެވެ. އަދި ޑިމޮކްރެޓިކް ވެއްޓެއްގައި ސިޔާސީ ޕާޓީތައް އޮޕަރޭޓް ކުރެވޭނީ ސިޔާސީ ޕާޓީތަކުގެ ވެރިންނާއި އެއްވަރަށް އާންމު ރައްޔިތުންގެ ހިއްސާ ވެސް ޕާޓީތަކުގައި އޮވެގެން ކަމަށާއި ޕާޓީއެއް ޕާޓީއެއްގެ ގޮތުގައި އޮތުމަށް އާންމުންގެ ބޮޑު އެއްބާރުލުމެއް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު