ތ. ވޭމަންޑޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، ވޭމަންޑޫން މިއަދު ޕޮޒިޓިވްވީ 54 އަހަރުގެ އަންހެނެއް ކަމަށެވެ. މިއީ އަތޮޅު ތެރެއިން މިއަދު ޕޮޒިޓިވްވި ހަތް ވަނަ މީހާ އެވެ.

މިއަދު ހއ. ކެލާ އާއި އެ އަތޮޅު ދިއްދޫގެ އިތުރުން ނ. މަނަދޫ، ޅ. ނައިފަރު، ރ. ދުވާފަރުގެ އިތުރުން ކޮވިޑް ޖެހިފައިވާ އެންމެ ގިނަ ބަޔަކު ތިބި ހޯނޑެއްދޫން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. މި މީހުންގެ ތެރެއިން ޅ. ނައިފަރުން ފެނުނު ކޭސް އާއި ދުވާފަރުން ފެނުނު ކޭސް އަކީ ކޮވިޑަށް ޕޮޒިޓިވް މީހެއްގެ ކޮންޓެކްޓުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ރާއްޖޭގެ 26 ރަށެއްގައި ކޮވިޑް ޖެހިފައިވާ 90 މީހަކު އެބަ ތިއްބެވެ. އެއީ 82 ދިވެހިންނާއި އަށް ބިދޭސީ އެކެވެ.

އޭގެ އިތުރުން އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީތަކުގައި އަށް މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.