ރާއްޖޭގެ މިނިވަންކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އުފެއްދުންތެރިކަން ނެތުމާއި ބޯނުހިކޭ ދަރަނި ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާތީ އެކަމާ ގުޅިގެން އިދިކޮޅު ހިމެނޭހެން ގިނަ ބަޔަކު ހިތްހަމަ ނުޖެހުން ފާޅުކޮށް "އިންޑިއާ އައުޓް"ގެ ނަމުގައި މީސް މީޑިއާގައި ކެމްޕޭނެއް ފަށާފައިވާއިރު، އެކަމަށް އިޝާރާތް ކުރައްވާ އަލީ ހުސައިން އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަސް އަހަރުން ނުވަތަ ހަތަރު އަހަރުން ސަރުކާރު ބަދަލުވާ އެއްވެސް ގައުމެއްގެ ބަޔަކު އައިސް ދިވެހިރާއްޖެ ހިފައި އަޅުވެތި ކުރަން އެހާ ފަސޭހަ ނުވާނެ ކަމަށެވެ.

"ރާއްޖޭގެ މިނިވަންކަމަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ އުފެއްދުންތެރިކަން ނެތުމާއި ބޯނުހިކޭ ދަރަނި" އަލީ ހުސައިން ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާގެ ދެ ހެލިކޮޕްޓަރު އޮންނައިރު އެ ހެލިކޮޕްޓަރުތައް ބެހެލެއްޓުމަށްޓަކައި އެގައުމުގެ ސިފައިން ރާއްޖޭގައި ހަރަކާތްރެރި ވެއެވެ.

އެމްއެމްޑީއެފްއިން މީގެ ކުރިން ބުނީ، ރާއްޖޭގައި ހަރަކާތްތެރިވަނީ އިންޑިއާގެ ހަތިޔާރު އެޅި ސިފައިން ނޫން ކަމަށެވެ.

ރާއްޖޭގެ މިނިވަންކަމަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ އުފެއްދުންތެރިކަން ނެތުމާއި ބޯނުހިކޭ ދަރަނި ކަމަށް އަލީ ހުސައިން ވިދާޅުވިއިރު، ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އުފެއްދުންތެރިކަން ވަނީ ބޮޑުތަކުން ދަށް ވެ، ދައުލަތުގެ އާމްދަނީއަށް އަސަރުކޮށްފައެވެ. ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތު ދުވަހު އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 73.9 (ގާތްގަނޑަކަށް 74) ބިލިއަން ރުފިޔާ އަށް ވަނީ އަރައިފައެވެ.

ރާއްޖޭގެ ދަރަނި 74 ބިލިއަނަށް އަރާން ކައިރިވެފައިވާ އިރު، ފާއިތުވި އަހަރު ތަކުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ބޭރު ގައުމުތަކުން ބޮޑެތި އަދަދުތަކުން ލޯނު ނަގާފައި ވެއެވެ.