މާލެ ސަރަހައްދުން ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަށްވަމުން ދިޔަ ނަމަވެސް އަތޮޅުތަކުގެތެރޭގެ ގިނަ ރަށްތަކަކުން ކޮވިޑް ބަލީގެ މީހުންގެ އަދަދު އިތުރުވަމުންދާތީ، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އަށް މިއަދު ޒިޔާރާތްކުރައްވައި ހެލްތު އިމަޖެންސީ ކޯޑިނޭޝަން ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ރިޔާސަތު ބެލެހެއްޓެވި މި ބައްދަލްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މާލެ ސަރަހައްދުން ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަށްވަމުން ދިޔަ ނަމަވެސް ރާއްޖޭގެ އެހެން ސަރަހައްދުތަކުން މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްއީއޯސީގެ އިސް ބޭފުޅުންގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި ސަރުކާރުން ވެސް މިވަގުތު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެނީ އެ މަސައްކަތަށް ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ ކޮވިޑް އިޖާބައިގެ ދަށުން މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށާއި ވަކިން ހާއްސަކޮށް ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ކުރިމަތިވި ދަތި އުނދަގޫ ގޮންޖެހުންތަކާއި ފިޔަވަޅުތަކާއެކު ވެސް އެ ބޭފުޅުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ރައީސް ވަނީ އެޗްއީއޯސީގައި ގާއިމުކޮށްފައިވާ އެކި މުއައްސަސާތަކުގެ ސްޓޭޝަންތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާ ބައްދަލުކުރައްވައިފައެވެ. އަދި އެ މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ވަނީ އެބޭފުޅުންގެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސްއާ މައުލޫމާތު ހިއްސާކުރައްވައިފައެވެ.
މިދިޔަ މަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު 3900 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހުނެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 8834 އަށް އަރައިފައެވެ. މިދިޔަ މަހުން ފެށިގެން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 100 އަށްވުރެ ގިނަ ކޮވިޑް ކޭސް ފެނިފައިވެއެވެ. ނަމަވެސް މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ކޭސްތަކުގެ އުޅެނީ 100 އިން ދަށުގައެވެ.
ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި މިހާރު ވަނީ އިތުރުވެފައެވެ. އެގޮތުން 25 ރަށެއްގައި ކޮވިޑްގެ ބަލި މީހުން އެބަ ތިއްބެވެ. އެ ރަށްރަށުގައި 89 ބަލި މީހުން އެބަތިއްބެވެ.
އަތޮޅުތެރެއިން އެންމެ ގިނަ ބަލި މީހުން ތިބީ ގދ. ހޯނޑެއްދޫގައެވެ. އެ ރަށުގައި ކޮވިޑަށް ޕޮޒިޓިވް 36 މީހުން އެބަތިއްބެވެ. އެރަށަށް ކޮވިޑް ދިޔަގޮތް ސާފުވެފައިނުވާ އިރު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 31 މީހަކު ވަނީ މަރުވެފައެވެ. އެއީ 25 ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު