ދިވެހިރާއްޖެއިން ރުބެއްލާ ނައްތާލާފައިވާކަން ފާހަގަކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއެޗްއޯ އިން ރާއްޖެއަށް ސެޓްފިކެޓެއް ދީފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި ސެޓްފިކެޓު ރާއްޖެއަށް ދީފައިވަނީ މިހާރު ކުރިއަށްދާ ޑަބްލިއުއެޗްއޯގެ 73 ވަނަ ރީޖަނަލް ކޮމިޓީގެ ބައްދަލުވުމުގައި ކަމަށެވެ.

އެގޮތުން ރާއްޖެއަކީ މި ސަރަހައްދުގައި މީސަލްސް އަދި ރުބެއްލާ ނައްތާލުމަށް ކަނޑައެޅުނު މުއްދަތުގެ ތިން އަހަރު ކުރިން މި ބަލި ނައްތާލެވުނު ގައުމެއްކަން އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ. ސައުތު އީސްޓް އޭޝިއާ ސަރަހައްދުގެ ގައުމުތަކުން "ޗައިލްޑްހުޑް ކިލާ އަދި ޑެލިބްރޭޓިންގް ޑިސީސަސް" ނައްތައިލުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ 2023 އެވެ.

މި ސަރަހައްދުގައި ރާއްޖޭގެ އިތުރުން މީސަލްސް އަދި ރުބެއްލާ ނައްތާލުމަށް ކަނޑައެޅުނު މުއްދަތުގެ ތެރޭގައި ގައުމުން މި ބަލި ނައްތާލާފައިވަނީ ސްރީލަންކާ އިންނެވެ.

ރުބެއްލާ ވައިރަސްގެ ސަބަބުން ޖެހޭ ރުބެއްލާ ނުވަތަ ޖާމަން މީސަލްސް ބައްޔަކީ އާންމު ގޮތެއްގައި ނޭވާލުމުގެ ޒަރީއްޔާއިން ބަލި ޖައްސާ ވައިރަސް ހަށިގަނޑަށް ވާސިލުވުމުން ޖެހޭ ބައްޔެކެވެ. މި ބަލި ޖެހިފައިވާ މާބަނޑު އަންހެނާގެ ކިބައިން ބަނޑުގައިވާ ކުޑަ ދަރިފުޅަށް އެ ބަލީގެ އަސަރު ކުރާ ކަމަށް ޑޮކްޓަރުން ބުނެއެވެ.

ރާއްޖެ އިން ރުބެއްލާ ނައްތާލައި، އެކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފާހަގަކުރި ނަމަވެސް، އަދިވެސް ރުބެއްލާއިން ރައްކާތެރިވުމަށް ރާއްޖޭގައި ގައުމީ ފެންވަރުގައި ވެކްސިން ޖަހައެވެ.