ހެލްތު މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ ހެލްތު އެކްސްޕޯ 2026 ގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބައިވެރިވެއްޖެއެވެ.

މިއަދު ހަވީރުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިއަށްދާ މި އެކްސްޕޯގައި އެޗްޑީސީގެ ހާއްސަ ސްޓޯލެއް ވަނީ ގާއިމުކޮށްފައެވެ.

އެޗްޑީސީން ބުނި ގޮތުގައި، އެ ސްޓޯލުން އެ ކޯޕަރޭޝަންގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު)ގެ ދަށުން ހިންގާ ތަފާތު ހަރަކާތްތަކާއި، އާއިލީ ދުޅަހެޔޮކަމާއި މުޖުތަމައު ބާރުވެރިކުރުމަށް ކުރާ މަސައްކަތްތަކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދޭނެއެވެ. އަދި އެ ސްޓޯލުން އެންމެ ހާއްސަ އިސްކަމެއް ދޭނީ އިސްރަށްވެހިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމާ ގުޅޭ މައުލޫމާތު ދިނުމަށާއި، އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހިންގަން ހަމަޖެހިފައިވާ ދުޅަހެޔޮ އިސްރަށްވެހިން ޕްރޮގްރާމަށެވެ. މި އެކްސްޕޯގެ ތެރެއިން އެ ޕްރޮގްރާމްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.

އެޗްޑީސީން ބުނީ، ދުޅަހެޔޮ އިސްރަށްވެހިން ޕްރޮގްރާމުގެ އަމާޒަކީ އިސްރަށްވެހިންގެ މެދުގައި އުފެދޭ އެކަނިވެރިކަމާއި އިޖުތިމާއީ އެކަހެރިކަން ނައްތާލައި، އުފާވެރި އަދި ހަރަކާތްތެރި އުމުރުފުރައެއް ބިނާކުރަން ހިތްވަރުދިނުން ކަމަށެވެ. މިމަހުގެ 16 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ކުރިއަށްދާނީ އެއް މަސް ދުވަހުގެ ބެޗްތަކަކަށް ބަހާލައިގެން، އެއް އަހަރުގެ މުއްދަތަކަށެވެ. ކޮންމެ ބެޗަކަށް ވެސް ހަފުތާއަކު ތިން ދުވަހު، ޖުމުލަ 12 ސެޝަން ކުރިއަށްގެންދާނެއެވެ.

މި ހަރަކާތާއެކު ކޮންމެ ހަފުތާއަކު ތިން ދުވަހު، އިސްރަށްވެހިންގެ އުމުރާ ގުޅޭގޮތަށް ރާވާފައިވާ ލުއި ކަސްރަތުތަކާއި، ހިނގުމާއި، ސްޓްރެޗިން އަދި ނޭވާލުމުގެ ކަސްރަތުތައް ކުރިއަށްގެންދިއުމުގެ އިތުރުން، އިސްރަށްވެހިންނާ ގުޅޭ އިތުރު ހަރަކާތްތަކެއް ވެސް ރާވާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ފާހަގަކުރި ގޮތުގައި، އެ ކޯޕަރޭޝަންގެ އަމާޒަކީ ހުޅުމާލެއަކީ ހުރިހާ އުމުރެއްގެ ރައްޔިތުންނަށް ވެސް އުފަލާއެކު އުޅެވޭނެ ހިތްފަސޭހަ މުޖުތަމައަކަށް ހަދައި، އެ އަވަށުގައި ދިރިއުޅޭ އިސްރަށްވެހިންގެ މެދުގައި އެކުވެރި މާހައުލެއް ގާއިމުކޮށް، އަވައްޓެރިންނާއި އިސްރަށްވެހިންގެ އެކަނިވެރިކަން ކުޑަކުރުމެވެ.

ހެލްތު އެކްސްޕޯ 2026 ކުރިއަށްދާ މުއްދަތުގައި ހުޅުމާލެ ސެންޓްރަލް ޕާކްގައި ހުންނަ އެޗްޑީސީގެ ސްޓޯލަށް ޒިޔާރަތްކޮށް، ދުޅަހެޔޮ އިސްރަށްވެހިން ޕްރޮގްރާމާއި އެ ކޯޕަރޭޝަންގެ އިޖުތިމާއީ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ހޯދުމަށް އެޗްޑީސީން ވަނީ އާންމުންނަށް ދައުވަތު ދީފައެވެ.