ރައީސް ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026 މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.

ރައީސް މި މައުރަޒު އިފްތިތާހުކޮށްދެއްވީ މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މައުރަޒު އިފްތިތާހުކޮށްދެއްވުމަށް ފަހު، ރައީސްގެ ދެކަނބަލުން ވަނީ އެކްސްޕޯގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުން ފޯރުކޮށްދެމުންދާ ހިދުމަތްތަކާއި މައުލޫމާތު އޮޅުންފިލުއްވައިފައެވެ. މި ޒިޔާރަތުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި މިނިސްޓަރުންނާއި، ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

5 ނޮވެމްބަރު 2026، ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026ގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލުތައް ހިމެނޭހެން، ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ 60 އަށްވުރެ ގިނަ ޖަމިއްޔާ ޖަމާއަތްތަކުން ބައިވެރިވާ މި މައުރަޒުގައި، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ކަމާ ގުޅުންހުރި އެކި މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭނެއެވެ. މި މައުރަޒު ބޭއްވުމުގެ މަގުސަދަކީ ސިއްހީ ދާއިރާގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމާއި، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް އަހުލުވެރިކުރުވުމުގެ އިތުރުން، ބަލިތަކުން ދުރާލާ ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވަށާޖެހޭ ފުރިހަމަ ނިޒާމެއްގެ ތެރެއިން ރައްޔިތުން ހޭލުންތެރިކުރުވުމެވެ.

"ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި އެކްސްޕޯއަކީ، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުންގެ ހޭލުންތެރިކަމާއި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށް ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ބާއްވާ ހަރަކާތެކެވެ. މި މައުރަޒު ކުރިއަށްދާނީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށެވެ.