އެބޯލާ ބައްޔާ ދެކޮޅަށް އުފައްދާފައިވާ އާ ދެ ވެކްސިނެއް ކްލިނިކަލް ޓްރަޔަލްތަކުގައި ބޭނުންކޮށްގެން ތަހުލީލުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ވޯލްޑް ހެލްތު އޯގަނައިޒޭޝަން - ޑަބްލިއުއެޗްއޯ) އިން އިއްޔެ ހުއްދަދީފިއެވެ.

ޑަބްލިޔުއެޗްއޯއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެ ޖަމިއްޔާގެ ތަޖުރިބާކާރުންގެ ގްރޫޕުން ލަފާދީފައިވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރްސީ) ގައި މިހާރު ކުރިއަށްދާ ޓުމައިނީ ކްލިނިކަލް ޓްރަޔަލްގައި މި ދެ ވެކްސިން ހިމެނުމަށެވެ. އޭއެފްޕީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެފްރިކާގައި މިހާރު ފެތުރެމުންދާ މި ބަލީގައި 5،300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ޑަބްލިއުއެޗްއޯއިން ބުނި ގޮތުގައި، ތަހުލީލުކުރުމަށް ހޮވުނު ދެ ވެކްސިނަކީ ޔުނިވަސިޓީ އޮފް އޮކްސްފޯޑާއި ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ގުޅިގެން އުފައްދާފައިވާ ޗެޑްއޮކްސް1 ބީޑީބީވީ އާއި، މޮޑާނާ ކުންފުނީގެ އެމްއާރްއެންއޭ-1469 އެވެ.

މި ދެ ވެކްސިން އިތުރަށް ތަހުލީލުކުރުމަށް އެ ޖަމިއްޔާގެ ކެންޑިޑޭޓް ވެކްސިން ޕްރަޔޯރިޓައިޒޭޝަނާ ބެހޭ މިނިވަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ލަފާދިނީ، ޕްރީކްލިނިކަލް އަދި ކުރީކޮޅުގެ ކްލިނިކަލް ހެކިތަކަށް ބެލުމަށްފަހުގައެވެ. މިއީ ޑީއާރްސީގައި މިހާރު ބަލި ފެތުރެން މެދުވެރިވި ބުންޑިބުގްޔޯ ވައިރަހުން ރައްކާތެރިވުމަށް ހާއްސަކޮށްގެން އުފެއްދި ވެކްސިންތަކެއް ބަލިމަޑުކަމެއްގެ ތެރޭގައި ތަހުލީލުކުރާ ފުރަތަމަ ފަހަރު ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.

މި ނިންމުން ހޯމަ ދުވަހު ވަނީ އެ ކުންފުނިތަކަށް އަންގައިފައެވެ. ޑަބްލިއުއެޗްއޯއިން ބުނީ، ކަމާބެހޭ ގައުމީ އިދާރާތަކުގެ ހުއްދަ ލިބުމާއެކު މި ދެ ވެކްސިން ޓްރަޔަލްގައި ބޭނުންކުރަން ފަށާނެ ކަމަށެވެ. ނަމަވެސް މި ތަހުލީލުތައް ފަށާނެ ސީދާ ތާރީހެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.

މީގެ ކުރިން އޮކްޓޫބަރު 23 ގައި ޑީއާރްސީގެ ބޫނިއާގައި ވަނީ އެބޯލާގެ ޒައީރު ވައްތަރަށް ބޭނުންކުރާ އާވެބޯ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްތަކެއް ފަށާފައި ކަމަށް އެ ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސޫސް ވަނީ ވިދާޅުވެފައެވެ.