ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ކޮރަޕްޝަންގެ މައްސަލަތަަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު "ވަން" އަށް ވިދާޅުވީ ކޮވިޑް 19އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލް ނެރުނު ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ފާހަގަކުރެވޭ 8 މައްސަލައެއް އެ ކޮމިޝަނުން އިސް ނަގައިގެން ބަލަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ކޮވިޑްގެ ހަރަދުތަކާ ގުޅޭގޮތުން އަލީ ވަހީދާއި އެ މިނިސްޓްރީގެ ބައެއް އިސް މުވައްޒަފުންނަށް ތުހުމަތުކޮށް ބައެއް އަމިއްލަ ފަރާތްތަކުން މިމަހުގެ ހަތްވަނަ ދުވަހު ހުށަހެޅި މައްސަލައެއްވެސް ބަލަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އަލީ ވަހީދުގެ މައްޗަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލަތަކަކާ ގުޅިގެން މިދިޔަ ޖުލައި މަހު އޭނާ ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކޮށްފައިވާ އިރު، ކޮވިޑާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ހަރަދުތަކުގެ މައްޗަށް އެކުލެވޭ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ކޮވިޑް 19އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ޖުމްލަ 26 މިލިއަން ރުފިޔާ ހަރަދުކުރި އިރު، އޭގެ ތެރެއިން 99 ޕަސަންޓު ހަރަދަކީ ކޮންމެހެން ކުރަން ޖެހޭ ހަރަދެއް ނޫން ކަމަށް ބުނެފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ކޮވިޑާ ގުޅިގެން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ދުނިޔޭގެ ފެންވަރުގެ ރެސްޕޮންސް އެންޑް ކޯޑިނޭޝަން މެޑިކަލް ޓީމެއް ރާއްޖެ ގެނައުމަށް ޓޫރިޒަމް ޓްރަންސްޓު ފަންޑުން ހަ މިލިއަން ރުފިޔާ ހަރަދުކުރަން ނިންމި ނަމަވެސް މެޑިކަލް ޓީމަށް ހަރަދުކޮށްފައިވަނީ އެކަމަށް ހަރަދުވާނެ ކަމަށް ލަފާކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީއަށްވުރެ އިތުރަށް ކަމަށެވެ. އެގޮތުން އެ ޓީމާ ގުޅޭ ކަންކަމަށް ޖުމްލަ 8.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ލިޔެކިޔުންތަކުން ދައްކާއިރު އެ އަދަދަކީ ލަފާކުރި ހަ މިލިއަން ރުފިޔާއަށްވުރެ 2.8 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާމަލް އިމޭޖިން ކެމެރާ ހަރުކުރުމަށްޓަކައި 1.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި މި މަސައްކަތް ސެކިއޯ ސޯސް އިންޓަނޭޝަނަލް އެލްއެލްސީ (އެސްއެސްއައި) އާ ހަވާލުކޮށްފައިވަނީ ބިޑް ކޮމެޓީގެ ހޯދުމަކާ ނުލައި ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު