ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގުރޫޕުން ރާއްޖެއަށް ހަދިޔާކުރި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަދި މެޑިކަލް ސަޕްލައިސްއާ ދިވެހި ސަރުކާރުން ހަވާލުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިތަކެއްޗާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޕީޕީއީ ހަވާލުކޮށްދެއްވީ ޝަންހާއީ ކޮންސްޓްރަކްޝަން ގުރޫޕުގެ ޕްރޮޖެކްޓް މެނޭޖަރު ލީ ހުއާންބިން އާއި އެކުންފުނީގެ ފަރާތުން ރާއްޖޭގައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޝީ ވަންޗުން އެވެ. މި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވެސް ބައިވެރިވެވަޑައިގަތެވެ.
ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 20،000 މެޑިކަލް މާސްކާއި 10،000 މެޑިކަލް ގްލަވްސް އަދި 500 ޕީޕީއީ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ކޮވިޑުން އަރައިގަތުމަށާއި އެ ބަލީގެ ސަބަބުން ދެ ގައުމުގެ އިތުރުން މުޅި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ޗައިނާއާއެކު ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ކޮވިޑާ ކުރިމަތިލާފައިވާ މި ދުވަސްވަރު ރާއްޖެއަށް ވެދެމުންދާ އެހީތެރިކަމަށްޓަކައި ޝަންހާއީ ކޮންސްޓްރަކްޝަން ގުރޫޕަށާއި ޗައިނާ ސަރުކާރަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވި އެވެ.
ޗައިނާގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ޝަންހާއީ ކޮންސްޓްރަކްޝަން ގުރޫޕަކީ ފޮރިން މިނިސްޓްރީގެ އިމާރާތުގެ ރިނޮވޭޝަން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު